ޚަބަރު

ދިރާގުގެ އަހަރީ ދުވަހު މިފަހަރު ދެނީ 1.6 މިލިއަން ރުފިޔާގެ ހައި ސްޕީޑް ލޯންޗެއް

ފާތިމަތު ލިޔުޝާ

މި އަހަރު ފާހަގަކުރާ ދިރާގުގެ 36 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެ ކުންފުނީގެ ކަސްޓަމަރުންނަށް ލޯންޗެއް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕްރޮމޯޝަންގެ ތަފުސީލު ދެއްވަމުން އެ ކުންފުނީގެ ޓްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ މިފަހަރުގެ ދިރާގުން ނަސީބުވެރި އެއްް ފަރާތަށް ދިނުމަށް ހަމަޖެހިފައިވަނީ އަލް ޝާލީ މެރިން އިން އުފައްދާ މަޖެލަން 32 ބްރޭންޑުގެ ސްޕީޑް ބޯޓަކާއި ޔަމަހާ ބްރޭންޑުގެ 175 ހޯސްޕަވަރުގެ އައުޓްބޯޑް ދެ އިންޖީނު ކަމަށެވެ.

"ދިރާގުގެ 36 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ތައްޔާރުވަމުންދާއިރު، އަޅުގަނޑުމެން މިފަހަރު މި ދެނީ އާއިލާ އާއެކު ވަގުތު ހޭދަކޮށްލަން ނުވަތަ މަސްދަތުރު ދިއުން ފަދަ ތަފާތު މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ބޭނުންކުރެވޭނެ ވަރަށް ފުރިހަމަ އަދި އެހާމެ ހިތްގައިމު ލޯންޗެއް،" މިރުޝާން ވިދާޅުވިއެވެ.

ބޮޑު އިނާމުގެ އިތުރުން ޕްރޮމޯޝަންގައި މަހުން މަހަށް ދޭ އިނާމުތަކެއްވެސް ހިމެނެއެވެ. އެ އިނާމުތަކުގެ ތެރޭގައި ޑައިވިންގް ވޮޗާއި ސްޕޯޓްސް ފިޝިގް ގިއާ އަދި ގޯ ޕްރޯގެ ފަހުގެ ކެމެރާ ހިމެނެއެވެ. ޕްރޮމޯޝަންގެ ބޮޑު އިނާމު ހޯދުމަށް އެންރޯލްވާ ހުރިހާ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންވެސް ކޮންމެ މަހަކު ކުރިއަށްދާ އިނާމު ލިބޭ ގުރުއަތުގައި އޮޓޮމެޓިކްކޮށް ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ، އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ޕްރީޕެއިޑް 400 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރީޗާޖުކުރާ ކަސްޓަމަރުންނާއި ޕޯސްޓްޕެއިޑް 400 އަދި 200 އިން މަތީގެ ރީޗާޖު ކުރާ ކަސްޓަމަރުންނަށް ކަމަށެވެ.

ޕްރޮމޯޝަންގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި އަހަރުގެ ޑިސެމްބަރު 15 އެވެ. އަދި އިނާމު ދިނުމަށް ހަމަޖެހިފައިވަނީ އަންނަ 2025 ޖެނުއަރީގައެވެ. ދިރާގުގެ ހިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ދިރާގާއި ގުޅޭ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވާލައިފައެވެ.