ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިނުގެންނެވޭތީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް، އެ ކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާދެއްވުމަށް ނިންމައިފިއެވެ.
"ޕީއެސްއެމް ނިއުސް"އަށް ދެއްވި އިންޓަރވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ، އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށްފަހު އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާދެއްވަން ނިންމަވާފައިވާ ކަމަށެވެ.
ގިނަ ގޮންޖެހުންތަކާއެކު ވެސް އެ ކޮމިޝަންގެ ޒިންމާތައް އަދާކުރެއްވުނު ކަމަށް ގަބޫލުކުރައްވާ ކަމަށާއި އީސީގެ މެންބަރުކަމުން އިސްތިއުފާދެއްވުމަށް ނިންމެވީ މިނިވަން މުއައްސަސާއެއްގެ މެންބަރުކަމުގައި ހުންނަވައިގެން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިނުގެންނެވޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް ވަޑައިގެންނެވުމުގެ ކުރިން އަހްމަދު ޝަރީފް ވަނީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރުކަމާއި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވާފައެވެ. އޭނާ އީސީގެ މެމްބަރުކަމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ މާޗްމަހުގެ ތެރޭގައެވެ.