ކަލައިދޫ އާއި ދަނބިދޫ ކޯޒްވޭއަކުން ގުޅުވާލައިދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ކަލައިދޫ ކައުންސިލްގެ މެންބަރުން އެދިވަޑައިގެންފިއެވެ.
ކަލައިދޫ ކައުންސިލްގެ މެންބަރުން މިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިވަޑައިގެންނެވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި، ހައްދުންމަތީ ކަލައިދޫ ކައުންސިލްގެ މެންބަރުން ވަނީ މިހާރުގެ ހާލަތާއި ރަށުގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާބެހޭ މައުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފައެވެ.
މިގޮތުން، ރަށުގެ ސިއްހީ މަރުކަޒުގެ މަރާމާތުކުރުމާއި ކަލައިދޫ އަވަށުގައި މިސްކިތެއް ބިނާކުރުމާއި ކަލައިދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއެއް ސަރުކާރުން ހިންގަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން މެންބަރުން އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކަލައިދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.