ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

ރައީސް މައުމޫން ބޭސްފަރުވާއަށް މެލޭޝިއާއަށް ވަޑައިގެންފި

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ބޭސްފަރުވާއަށް މެލޭޝިއާއަށް ވަޑައިގެންފިއެވެ.

"ވަން އޮންލައިންއަށް"އަށް އެނގިފައިވާ ގޮތުގައި ރައީސް މައުމޫން ބޭސްފަރުވާއަށް މެލެޝިއާއަށް ވަޑައިގެންފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ނަމަވެސް ރައީސް މައުމޫން ވަޑައިގެންނެވީ ކޮން ކަމަކަށް ފަރުވާ ހޯއްދަވަން ކަމެއް ކަށަވަރުވެފައެއް ނުވެއެވެ.

ރައީސް މައުމޫން އެއް އަހަރާއި ހަތް މަހާއި ހަތް ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ވަނީ މިމަހުގެ 18 ވަނަ ދުވަހު ބާތިލްކޮށްފައެވެ. ހައިކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައިވާ ގޮތުގައި ރައީސް މައުމޫނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އުސޫލުތަކާ ޚިލާފަށް އިއްވާފައިވާ ހުކުމެކެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރައީސް މައުމޫން ހައްޔަރުކޮށް ޖަލަށްލީ، އެމަނިކުފާނުގެ ފޯނު ދޭން ފުލުހުން އެންގުމުން ނުދެއްވި މައްސަލައިގައެވެ. އެ މައްސަލައިގައި ދައުލަތުން ރައީސް މައުމޫނުގެ މައްޗަށް ދައުވާ ކުރީ އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުއްވި ކަމަށް ބުނެއެވެ.