ރާއްޖެއަށް ޑިމޮކްރަސީ ގެންނަން އޭރުގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ބޭނުންފުޅު ނުވިނަމަ، މިއަދުވެސް ތިބެން ޖެހޭނީ މަގުމަތީގައި ހަޅޭއްލަވަން ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ބަޔޮގްރަފީ ފޮތް ނެރުމަށް ވިލާ ކޮލެޖު ހޯލުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ޑިމޮކްރަސީއަށް ރައީސް މައުމޫން ފުރުސަތުދެއްވީ ގައުމުގެ ހާލަތު ބަދަލުވެއްޖެކަން އެ މަނިކުފާނަށް ވެސް އެނގިވަޑައިގެންނެވުމުން ކަމަށާއި ބައިނަލްއަގުވާމީ ޕްރެޝަރާއި އެތެރޭގެ ޕްރެޝަރާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަމަށެވެ.
"މިއަދު މި ދެކޭ ޑިމޮކްރަސީ އާއި އަޅުގަނޑުމެންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ލިބުމުގައި އެ މަނިކުފާނާއި އެ މަނިކުފާނުގެ ސަރުކާރުން އެކަން އޭރު ކޮށްދެއްވަން ނެތްނަމަ މިއަދު ވެސް ނުލިބޭނެ، ހަމަ ތިބެންޖެހޭނީ މަގުމަތީގައި ހަޅޭއްލަވަލަވާ. އެއީ ހަމަ ކަށަވަރުކަމެއް، އެހެންވީމާ އެކަމުގެ ހައްގު ޝުކުރު އެ މަނިކުފާނަށް ދެން،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެ ދުވަސްވަރު ޖަލު ބަންދުގައި އޭނާއަށް ހޭދަކުރައްވަން ޖެހިވަޑައިގެންނެވުމަކީ ލިބުނު ފިލާވަޅުތަކެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށާއި އެއީ މުސްތަގުބަލު އުޖާލާ ކުރުމަށްޓަކައި ލިބުނު ދަރުސެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެއީ ދިން އަނިޔާއެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ބުންޏަސް، އަޅުގަނޑު ގަބޫލުކުރާ ހިތެއް ނުވޭ މައުމޫނަކީ ޑިކްޓޭޓަރެކޭ، ބައެއް މީހުން ކިޔައި އުޅޭ. ދެކޮޅު މީހުން ދައްކާނެ އެކަހަލަ ވާހަކަވެސް. މައުމޫން ބޭނުންފުޅުވެގެން އަޅުގަނޑުމެންނާ ހަމައަށް ޑިމޮކްރަސީ ލިބުނީ. އަޅުގަނޑު މިއީ އެކަމުގައި އެންމެ އިސްކޮށް ހުރި މީހާ، ފައިނޭންސްގެ ދާއިރާ ކަމަށްވިޔަސް، އެމްއެމްއޭގައި ކަމަށްވިޔަސް، ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ކަމަށްވިޔަސް. އެހެންވީމާ ވަރަށް ސާބިތުކަމާއެކު މި ދެންނެވީ މައުމޫން އެކަން ކޮށްދެއްވަން ބޭނުންފުޅުނުވި ނަމަ، ދިވެހިރާއްޖޭގައި މިއަދު މިއޮތް ޑިމޮކްރަސީއެއް އަޅުގަނޑުމެންނަކަށް ނުގެނެވޭނެ. އެއީ ލާހިކު ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ އޭނާ ނޫނަސް އެ މަސައްކަތުގެ ތެރެއިން ހައްޔަރުކުރި އެތައް ބަޔަކު ތިބި ކަމަށާއި އެއީ މަސްރަހު ބަދަލުކުރަން މަސައްކަތްކުރީމަ ކަންތައް ވާނެ ގޮތް ކަމަށެވެ. އަދި ރައީސް މައުމޫންގެ އިސްލާހީ އެޖެންޑާގެ ފުރިހަމަކަމުގެ މައްޗަށް ވެސް ގާސިމް އަލިއަޅުއްވާލައްވައި ވާހަކަދެއްކެވިއެވެ.