ޚަބަރު

އާރަށު ހިޔާނާތް: ދަށު ކޯޓުގެ ބައި ކުރިއަށް ގެންދާނީ ސުޕްރީމް ކޯޓުގެ މައްސަލަ ނިމުމުން: ގާޒީ

އިބްރާހިމް ޒަކީ

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް އަލުން ބަލަން އެންގި މައްސަލަ ދަށު ކޯޓުގައި ކުރިއަށް ގެންދެވޭނީ، ޔާމީނާ ދެކޮޅަށް އާ ހެކި ބަލައިނުގަންނަން ހައި ކޯޓުން އަންގާފައިވާ އެންގުމާބެހޭގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ނިމުން ކަމަށް ވިދާޅުވެ، ކުރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިއަ އަޑުއެހުން ނިންމާލައިފިއެވެ.

ކްރިމިނަލް ކޯޓަށް އެ މައްސަލަ އަލުން ބަލަން އެންގީ، އެ ކޯޓުން ކުރި ހުކުމް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ކުރި ހުކުމުންނެވެ.

މިއަދުގެ އަޑުއެހުން ފައްޓަވަމުން ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމު ވިދާޅުވީ މިއަދުގެ އަޑުއެހުމަކީ ޝަރީއަތުގެ ކުރީގެ މަރުހަލާގެ އަޑުއެހުމެއް ކަމަށާއި ދެ ފަރާތުން ހުށަހެޅުންތަކަށް ވާހަކަދައްކައި ނިންމުމަށްފަހު، އިތުރަށް ދިރާސާކުރަންޖެހޭ ކަމެއް ނެތް ނަމަ ހުށަހެޅުންތަކާމެދު މިއަދު ގޮތެއް ނިންމުމަށް ގަސްތުކުރައްވާ ކަމަށެވެ. އެހެން ވިދާޅުވުމަށްފަހު ހުށަހެޅުންތައް ހުށަހަޅަން ގާޒީ ޕީޖީގެ ވަކީލުންނަށް ފުރުސަތު ދެއްވިއެވެ.

ނަމަވެސް އެ ހިސާބުން ޔާމީންގެ އިސް ދިފާއީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ފުރުސަތެއް ހޯއްދަވައި، އިއުތިރާޒެއް ނެންގެވިއެވެ.

އޭނާ ވިދާޅުވީ، މި މައްސަލައާ ގުޅުންހުރި މައްސަލައެއް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި އެހެންކަމުން ސުޕްރީމް ކޯޓުގައި އެ މައްސަލަ ކުރިއަށްދާއިރު އެކަމާ ގުޅުންހުރި މައްސަލައެއް ދަށު ކޯޓުގައި ކުރިއަށް ދިއުމަކީ އަދުލުވެރި ނިންމުމަކަށް ފުރުސަތު ގެއްލިގެންދާނެ ކަމެއް ކަމަށެވެ. އެއަށްފަހު ޖަމީލުގެ އެ ނުކުތާތައް ދިފާއީ ވަކީލުންގެ ތެރޭގައި ހިމެނޭ ހަމްޒާ ލަތީފް ތަފުސީލު ކޮށްދެއްވިއެވެ.

ދިފާއީ ވަކީލުން އިއުތިރާޒު ނެންގެވީ، އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވި ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބަލަން އެންގި އިރު، ޔާމީނާ ދެކޮޅަށް އާ ހެކި ބަލައިނުގަންނަން ހައިކޯޓުން އަންގާފައިވާ އެންގުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާތީއެވެ.

އެކަމާ ގުޅޭ ގޮތުން ދައުލަތުން އެއްޗެއް ބުނުމަށް ގާޒީ ފުރުސަތު ދެއްވުމުން، ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ، ޕީޖީ އޮފީހުން އެ މައްސަލައާ ގުޅޭ އިސްތިއުނާފެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތާ ދެ މަހެއްހާ ދުވަސް ވެދާނެ ކަމަށެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި އިރު، އެއީ ދަށުން ކޯޓުން އަލުން ބެލުމަށް ތަހުވީލުކޮށްފައިވާ މައްސަލަައެއްކަން ސުޕްރީމް ކޯޓުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޝަފީއު އިތުރަށް ވިދާޅުވީ، މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ އަޑުއެހުމަށް އަސަރުކުރާ ނަމަ އުސޫލެއްގެ ގޮތުން އެ މައްސަލަ މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރޭ ކަމަށެވެ. ނަމަވެސް މި މައްސަލައިގައި އެކަހަލަ އަމުރެއް ނެރެފައި ނުވި ނަަމަވެސް ދިފާއީ ވަކީލުން ފާހަަގަކުރައްވާ ކަންކަމުގައި ބަރުދަނެއް އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ.

އެހެންވެ، ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ނިމެންދެން އެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުން މަޑުޖައްސާލަން ދިފާއީ ވަކީލުން ކޯޓުގައި އެދިވަޑައިގަތެވެ. އަދި ބައެއް ލިޔުންތައް ހިމެނޭ ސީޑީތަކެއް ނުލިބޭތީ އެކަން ޔާމީންގެ ވަކީލުން ފާހަގަކުރެއްވިއެވެ.

ޔާމީން ވިދާޅުވީ ތަހުގީގު މަރުހަލާގެ ވީޑިއޯތައް ލިބެންޖެހޭ ކަމަށް ކަނޑައެޅިގެން ދިޔައީ މާފަހުން ކަމަށާއި ތަހުގީގު މަރުހަލާގައި އިތުރަށް ވާހަކަދައްކަވަން ދެކޮޅު ހެއްދެވީ ލިޔުންތައް އުފައްދާފައި ހުރި ކަމަށް ތުހުމަތު ކުރެވެން ފެށުމުން ކަމަށެވެ.

އެހެންކަމުން މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ އަލީ ނަދީމް ވިދާޅުވީ ސުޕްރީމް ކޯޓުގައި އޮތް މައްސަލައާއި ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލައިގައި ފުށުއެރުމެއް އޮތް ކަމަށް ގަބޫލުކުރެވޭތީ ސުޕްރީމް ކޯޓުން މައްސަލަ ނިމެންދެން ދަށު ކޯޓުގެ މައްސަލަ މަޑުޖައްސާލަން ނިންމަވާ ކަމަށެވެ.

އާރަށް މައްސަލާގައި ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ޖަލު ހުކުމެއް އިއްވި އެވެ. އެ ހުކުމް ވެސް ބާތިލްކޮށް، އެ މައްސަލަ ވެސް އަލުން ބަލަން ހައި ކޯޓުން އޮތީ އަމުރުކޮށްފައެވެ.