ޚަބަރު

ފެނަކަ ޗެއާމަނަކަށް އެސްޓީއޯގެ އެމްޑީ ޝިމާދު

ފެނަކަ ކޯޕަރޭޝަންގެ ޗެއާމަނަކަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޝިމާދު އިބްރާހިމް ހަމަޖައްސައިފިއެވެ.

ޝިމާދު، ފެނަކައިގެ ޗެއާމަނަކަށް ޝިމާދު ހަމަޖެއްސިކަން އިއުލާނުކޮށް، ފެނަކައިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޝިމާދުގެ ވިޝަނާއި ލީޑަޝިޕްގެ ދަށުން އެ ކުންފުންޏަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.

ފެނަކައިގެ ޗެއާމަނަކަށް ކުރިން ހުންނެވީ އަހުމަދު ޝަހީރެވެ. އޭނާ އެ މަގާމުން ވަކިކޮށްފައިވަނީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުއެވެ.

މީގެ އިތުރުން ފެނަކައިގެ ބޯޑަށް ވަނީ ދެ މެންބަރަކު ވެސް އައްޔަންކޮށްފައެވެ. އެއީ އެސްޓީއޯގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ނިޒާމާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މާޒިން އެވެ.

ފެނަކައިގެ ޗެއާމަނަކަށް ޝިމާދު ހަމަޖެއްސި އިރު، ފެނަކައިގެ ސައްތައިންސައްތަ ހިއްސާ، އެސްޓީއޯއިން ގަނެ، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވަނީ މިދިޔަ މަހުއެވެ.

އެސްޓީއޯގެ ދަށަށް ފެނަކަ އެއްކޮށް ބަދަލުކުރާނީ އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށާއި އެ ބަދަލު ގެނައުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް މިހާރުވެސް ފަށާފައިވާ ކަމަށް ޝިމާދު ވަނީ މިދިޔަ މަހު ވިދާޅުވެފައެވެ.