ފުވައްމުލަކު ސީޓީގައި ދޯންޏަކުން ބިއްލޫރި ޝީޓްތަކެއް ބާލަން އުޅުމުގެ ތެރޭގައި ވެއްޓި ތަޅައިގެން ގޮސް އަނިޔާވެގެން އިތުރު ފަރުވާއަށް މާލެ ގެނައި މީހާ ވޯޑަށް ބަދަލުކޮށްފި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
ފުލުހުން ބުނީ އިއްޔެ ހެނދުނު 9:32 ހާއިރު ފުވައްމުލަކު ސިޓީގައި އޮތް ދޯންޏަކުން ބާލަން އުޅުނު ބިއްލޫރި ޝީޓުތަކެއް އުފުލަން އުޅުނު ދެ ބިދޭސީން އަދި ދެ ދިވެހީންނަށް އަނިޔާވި މައްސަލަ ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ފުވައްމުލަކު ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކުރީ "ވަން" އަށް އިއްޔެ ވިދާޅުވީ މުދާ ސަޕްލައި ކުރާ ދޯންޏަކުން ބިއްލޫރި ޝީޓުތަކެއް ކައްސާލައި އޭގެ ދަށުވެ ހަތަރު މީހަކަށް އަނިޔާވި ކަމަށެވެ.
"ބޭރު ދެ މީހުންނަށް އެންމެ ބޮޑު އަނިޔާއެއް ލިބުނީ. ބަންގްލަދޭޝް މީހަކާއި އިންޑިއާ މީހެއް. އޭގެ ތެރެއިން އިންޑިޔާ މީހާ ދަށުވެފައި އޮތީ. ދެން އަނިޔާ ލިބުނީ ލ. ގަމު މީހަކަށް. އެއީ ސަޕްލައި ދޯނީގެ ފަޅުވެރިއެއް. ދެން ހުރީ މިސިޓީގެ (ފުވައްމުލަކު) މީހެއް" ފިކުރީ "ވަން" އަށް ވިދާޅުވިއެވެ.
އައިޖީއެމްއެޗްގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ 27 އަހަރުގެ ފިރިހެނެެއް އެޑްމިޓްކޮށްފައިވާ ކަމަށާއި އެމީހާ މިހާރު އޮތީ ފަރުވާއަށްފަހު ވޯޑަށް ބަދަލުކޮށްފައި ކަމަށެވެ.