ރާއްޖޭގެ އިގުތިސޯދަށް މިވަގުތު ދިމާވެފައިވާ ހާލަތަކީ ވަގުތީ ހާލަތެއް ކަމަށާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ އެހީ ހޯދަންޖެހޭ ހިސާބަށް ދާންޖެހިދާނެ ކަމަށް ނުފެންނަ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާ އެކު ސްރީލަންކާގެ ބައެއް ބޭންކްތަކާއި އިސްފަރާތްތަކާ ބައްދަލުކުރެއްވުމަށް މިހާރު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބައެއް މީޑިއާތަަކަށް ދެއްވި އިންޓަވިޔުއެއްގައި މިނިސްޓަރު ޒަމީރު ވިދާޅުވީ، ރާއްޖޭގެ އިގުތިސޯދީ ހާލަތު ރަނގަޅު ކުރަން އެހީތެރިވާން ތައްޔާރަށް ތިބި ބައިނަލްއަގުވާމީ ބައިވެރިން އެބަތިބި ކަމަށެވެ.
"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މިއީ އައިއެމްއެފްއާ އެކު މަސައްކަތް ފަށަންވީ ވަގުތު ކަމަކަށް. އަޅުގަނޑުމެންނަށް ކުރިމަތިވެފައި މި އޮތީ ވަގުތީ މައްސަލައެއް. އެއީ ރިޒާވްއަށް އައި ދަށްވުމާ ގުޅިގެން." ވަޒީރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ މާލީ ނިޒާމް ރީފޯމްކުރުމުގެ މަސައްކަތާ އެކު ރާއްޖޭގެ ލިކިއުޑިޓީ އިތުރުވާނެ ކަމަށެވެ.
މިނިސްޓަރު ވަނީ، ޗައިނާ އާއި އިންޑިއާއާ އެކުގައި ވެސް ރާއްޖެއިން ރަނގަޅު ގުޅުމެއް އެބައޮތްކަން ފާހަގަކުރައްވައި، ރާއްޖޭގެ އިގުތިސޯދު ރަނގަޅުކުރަން އެ ދެ ގައުމުގެ އެއްބާރުލުންވެސް ލިބޭ ކަމަށް ވިދާޅުވެފައެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ބޭނުންކުރެވޭ ރިޒާވް މިދިޔަ މަހު ވަނީ 61.22 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. އެއީ އޭގެ ކުރީ މަހާ އަޅާބަލާއިރު 36 ޕަސަންޓުގެ ކުރިއެރުމެކެވެ.