ރާއްޖޭގެ ރަށެއްގައި 15 އަހަރުގެ ކުއްޖެއް ވިހެއި ދަރިފުޅު ނިޔާވި ގޮތް ދެނެގަތުމަށްޓަކައި ޕޯސްޓްމޯޓަމް ހެދުމަށް ނިންމައިފިއެވެ.
ފުލުހުން ބުނީ އެ ތުއްތު ނިޔާވި ގޮތް ދެނެގަތުމަށްޓަކައި ޕޯސްޓްމޯޓަމް ހެދުމަށް ނިންމައި، އެ މަސައްކަތް ކުރުމަށް ކުރަން ޖެހޭ ކަންކަން ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
އުމުރުން 15 އަހަރުގެ ކުއްޖަކު ވިހެއި ދަރިފުޅު ނިޔާވެފައިވާކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ހެނދުނު 7:10 ހާއިރެވެ. އެ މައްސަލައިގައި ހިމެނެނީ ކުޑަކުއްޖަކަށް ވެފައި އަދި ތަހުގީގު ކުރިއަށްދާތީ އެ މައްސަލައިގައި ހިމެނޭ ކުއްޖާގެ މައުލޫމާތާއި ރަށް ހިމެނޭ ގޮތަށް ހާމަނުކުރުމަށް ފުލުހުން އެދެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާ ވިހާފައިވަނީ އެގޭގެ ފާހަނާތެރޭގައެވެ. ވިހެއުމަށްފަހު 15 އަހަރުގެ ކުއްޖާގެ ހާލު ދެރަވެގެން އެ ކުއްޖާ ވަނީ ފަރުވާ ދިނުމަށް ސިއްހީ މަރުކަޒަށް ވެސް ގެންގޮސްފައެވެ. އެ ކުއްޖާ ވިއްސުމުގައި ކުއްޖާގެ މަންމަ އާއި އެގޭގައި ދިރިއުޅެމުން އަންނަ އެ ކުއްޖާގެ ލޯބިވެރިޔާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެއެވެ.
ފުލުހުން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ އިރު، ވިހެއުމުގެ ތެރޭގައި ތުއްތު ކުއްޖާ މަރުވީ ކަމެއް ނުވަތަ މަރާލީ ކަމެއް އަދި ނޭނގެއެވެ.