ޓީޓީއެމް ފެއާގެ ޗީފް ގެސްޓަކަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ހަމަޖައްސައިފިއެވެ.
މިއަހަރު ޓީޓީއެމް ފެއަރގެ ތެރެއިން ކުރިއަށްދާ ޓީޓީއެމް ސަމިޓް ހާއްސަ ކުރުމަށް ނިންމާފައިވަނީ، ދަތުރުފަތުރާ ގުޅޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މައްޗަށެވެ. އެގޮތުން މިއަހަރު ބާއްވާ ތިންވަނަ ޓީޓީއެމް ފެއާގެ ހަރަކާތް ފައްޓަވައިދެއްވަމަށް ބާއްވާ ސަމިޓުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ބައިވެރިވެވަޑައިގެން "ޓްރެވަލް ޓެކްނޮލޮޖީ އެނަލެޓިކްސް" އާ ބެހޭގޮތުން ވާހަކަދައްކަވަން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ގެޓަވޭސްގެ ފަރާތުން މައުލޫމާތުދެއެވެ.
މޯލްޑިވްސް ގެޓަވޭސްގެ ފަރާތުން އިންތިޒާމު ކުރާ ޓީޓީއެމް ފެއަރގެ ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ އިރު، އެ ހަރަކާތްތައް ވެރިރަށް މާލޭގައާއި ރާއްޖޭގެ އެކިއެކި ރިޒޯޓްތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މިހާތަނަށް ރާއްޖޭގެ 100 އަށްވުރެ ގިނަ ރިޒޯޓާއި ހޮޓަލަކުން މި ފެއާގެ ހަރަކާތުގައި ބައިވެރިވެފައިވާ އިރު، ރާއްޖެއިން ބޭރުންވެސް ގިނަ އަދަދެއްގެ ޓްރެވަލް އެޖެންޓުން ބައިވެރިވާނެ ކަމަށް މޯލްޑިވްސް ގެޓަވޭސްއިން ބުނެއެވެ.
މޯލްޑިވްސް ގެޓަވޭސްއިން އިން ބުނީ މިއަހަރުގެ ޓީޓީއެމް ފެއަރ ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ، އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި މިއަހަރުގެ ފެއަރއަށް ބޭރުގެ 300 ޓުއަރ އޮޕަރޭޓަރުން ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.