ވޭޕް އަދި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖޭގައި މަނާކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް އެދި، ގައިންގަޔަށް ނާރާ ބަލިތަކާ ދެކޮޅަށް މަސައްކަތްކުރާ މޯލްޑިވްސް އެންސީޑީ އެލަޔަންސް އިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިއްޖެއެވެ.
ކެންސަރު ސޮސައިޓީ، ޑައިބިޓިސް ސޮސައިޓީ، ޓައިނީ ހާޓްސް، ޝީ، ތެލަސީމިއާ ސޮސައިޓީ، މެންޓަލް ހެލްތް އެވެއާނަސް ފައުންޑޭޝަން، އެސޯސިއޭޝަން އޮފް ޕާސަންސް ވިތް ޑިސްއޭބިލިޓީސް ގުޅިގެން އުފައްދާފައިވާ އެންސީޑީ އެލަޔަންސުން އެކަމަށް އެދުނީ ރައީސް މުއިއްޒަށް ފޮނުވި ހާއްސަ ސިޓީއެއްގަ އެވެ.
ރައީސަށް އެ ސިޓީ ފޮނުވުމަށް ފަހު، އެ އެލަޔަންސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖޭގައި ސިއްހަތަށް އެންމެ ބޮޑު ބުރައެއްގެ ގޮތުގައި އޮތީ ގައިންގަޔަށް ނާރާ ބަލިތަކަށްވާއިރު އެކަމަށް މެދުވެރިކުރާ އެންމެ ބޮޑު އެއްޗަކީ ދުންފަތާއި ދުންފަތުގެ ބާވަތްތައް ކަމަށެވެ.
އެގޮތުން ވޭޕް އާއި އީ-ސިނގިރޭޓް ވެސް ދުންފަތުގެ ބާވަތެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާއިރު، ރާއްޖޭގައި ވޭޕް އާއި ސީ-ސިނގިރޭޓުގެ އިސްތިއުމާލު ކުރުން ވޭތުވެދިޔަ އަހަރުތަކުގައި އިންތިހާއަށް އިތުރުވެފައިވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބުންޏެވެ.
އެ އެލަޔަންސުން ބުނީ، ވޭޕްގައި ތަފާތު ފްލޭވާތައް ބޭނުންކުރުމުގެ ސަބަބުން ޒުވާނުން އެކަމަށް ދެވިހިފުމުގެ ފުރުސަތު އިތުރުވެ، ޅަފަތުގައި ކުދީން ދުންފަތަށް ހުށަހެޅި، ދުންފަތުގެ އިސްތިއުމާލު ފުރަތަމަ ކުރެވޭ އުމުރު ދަށްވަމުން އަންނަ ކަމަށެވެ. އަދި ވޭޕް ކުރާ އާލާތުގައި ކެނަބިސް އަދި ކީޓަމިން ފަދަ ތަފާތު ޑުރަގް ގަޑުބަޑުކުރަން ފަސޭހަވުމަކީ ޑުރަގަށް ދެވިހިފުމުގެ ފުރުސަތު އިތުރުވާ ކަމެއް ކަމަށްވެސް ބުންޏެވެ.
އެ އެލަޔަންސުން ބުނީ، އާބާދީ ބޮޑު އިންޑިއާ އަދި ތައިލެންޑް ފަދަ ދުނިޔޭގެ 34 ގައުމެއްގައި މިހާރު ވޭޕް މުޅިން މަނާކޮށްފައިވާ ކަމަށާއި ވޭޕް އާއި އީ-ސިނގިރޭޓު ރާއްޖޭގައިވެސް މަނާކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް ކަމާބެހޭ އިދާރާތަކަށް އިލްތިމާސްކުރާ ކަމަށެވެ.
"މިކަމުގެ ސަބަބުން ރާއްޖޭގެ ސިއްހީ ހާލަތު ރަނގަޅުވެ، ގައިން ގަޔަށް ނާރާ ބަލިތަކަށް ހުށާހެޅޭ މިންވަރު މަދުވެ، އަދި ޒުވާނުން މަސްތުވާތަކެއްޗަށް ދެވިހިފުމުގެ ފުރުސަތު ކުޑަވެގެންދާނެއެވެ" އެލަޔަންސްގެ ބަޔާނުގައިވެއެވެ.