ހުޅުމާލޭގެ މަގުތަކުގައި ގަވާއިދާހިލާފަށް ބަހައްޓާފައިވާ މުދަލާއި ތަކެތި މިމަހުގެ 19 ގެ ކުރިން ނެގުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.
އެޗްޑީސީން ވަނީ މިދިޔަ މަހުގެ 31 ގައި ހުޅުމާލޭގެ އިންޑަސްޓްރިއަލް ޒޯން ހިމެނޭ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތަކާއި، ދުވާރުމަތީގައި ބަހައްޓާފައިވާ ތަކެތި ނަގައި އެ ތަންތަން ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މަސައްކަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ހުޅުމާލެއާއި ހުޅުމާލެ ފޭސް ދޭއްގެ ހުރިހާ މަގުތަކެއްގައި ގަވާއިދާހިލާފަށް ބަހައްޓާފައިވާ މުދަލާއި ތަކެތި ނެގުމަށް ނިންމާފައިވާ ކަމަށެވެ.
"ވީމާ، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގެ މަގުތަކުގައި ގަވާއިދާހިލާފަށް ބަހައްޓާފައި ހުރި މުދަލާއި ތަކެތި 19 ސެޕްޓެމްބަރު 2024 ގެ ކުރިން ނެންގެވުން އެދެމެވެ..،" އެޗްޑީސީން ބުންޏެވެ.
މިމަހުގެ 19 ގެ ކުރިން ގަވާއިދާހިލާފަށް މަގުތަކުގައި ބަހައްޓާފައި ހުރި އެތަކެތި ނުނަގައިފިނަމަ ކަމާބެހޭ އިދާރާތަކާ ގުޅިގެން އެތަކެތި ނެގުމުގެ މަސައްކަތް އެޗްޑީސީން ކުރާނެ ކަަމަށެވެ. އެތަކެތި ނެގުމަށް ކުރާ މަސައްކަތުގެ ތެރެއިން ތަކެއްޗަށް ގެއްލުންވިޔަސް އެކަމުގެ ޒިންމާ އެޗްޑީސީން ނުނަގާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
މަގުތަކުގައި ގަވާއިދާހިލާފަށް ބަހައްޓާފައި ހުރި އެފަދަ ތެކެތި ނަގަނީ ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމުގެ ބޭނުމުގައި ކަމަށް އެޗްޑީސީން ބުންޏެވެ. އެހެންކަމުން އެ މަސައްކަތަށް ހުރިހާ ފަރާތްތަކުން ވެސް އެއްބާރުލުން ދިނުމަށް އެޗްޑީސީން ވަނީ އެދިފައެވެ.