އިބްރާހިމް ޒަކީ
އަންނަ ހޯމަ ދުވަހު ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.
އެ ޖަލްސާގައި މިހާތަނަށް އެޖެންޑާ ކޮށްފައިވަނީ އެންމެ މަސައްކަތެކެވެ. އެއީ ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ހުށަހަޅުއްވާފައިވާ، ކުންފުނީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމެވެ.
ރޭ ވެސް ވަނީ ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވައިފައެވެ. އެ ޖަލްސާއަކީ ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ބޭއްވި ޖަލްސާއެކެވެ.
އެ ޖަލްސާގައި އޮތީ ޕީޖީގެ މަގާމަށް، އައްބާސް ޝަރީފު އައްޔަން ކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލިސް ތަޅުމަށް އިއްވުމަށްފަހު، އެ ނަން އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމެވެ.
އައްބާސް ޝަރީފް މިހާރު ހުންނެވީ، ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޓެންޓްގެ މަގާމުގައެވެ.
އޭގެ އިތުރުން މަޖިލީހަށް ތައާރަފުކުރުމުގެ ގޮތުން، ކުންފުނީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުންވެސް ރޭގެ ޖަލްސާގައި އޮތެވެ. އެ ޖަލްސާ ބާއްވާފައިވަނީ، ޕީޖީގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު، އެ ދުވަހުގެ މެންދުރު 12:00 އަށް ހަމަވެފައި ވަނިކޮށެވެ.