ޚަބަރު

ނުރައްކާތެރިކޮށް ދުއްވައި ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މީހަކު ހައްޔަރުކޮށްފި

ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހަކު މަޑުކުރަން އެނގުމުން، މަޑުނުކޮށް ފުލުހެއްގެ ގައިގައި ޖެއްސުމުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ، ރޭ ދަންވަރު 1:20 ހާއިރު، ރަސްފަންނު ކައިރިން ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވުމުން ވީސީޕީ އިން މަޑުކުރަން އިޝާރާތްކުރުމުން، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ސައިކަލު މަޑުނުކޮށް ދާން އުޅުމުގެ ތެރޭގައި ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މއ. ހިއްތަލަވިލާ، އާދަމް ޒިދާން 23އ. އެވެ.

ފުލުހުން ބުނީ، އޭނާ ދުއްވި ސައިކަލު ޓޯކޮށްފައިވާ ކަމަށެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ފަސް ދުވަހަށް ބަންދުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

މި މައްސަލައިގައި ހައްޔަރުކުރި ޒިދާންއަކީ މިއުޒިކާއި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ މީހެކެވެ. އެގޮތުން އޭނާ ވަނީ ޑާކްރެއިންގެ ފިލްމު "ބީވީމާ" ގައި ފެނިގެން ގޮސްފައެވެ.