ޑޮކްޓަރުން ރެކްރޫޓް ކުރުމުގެ އުސޫލަށް ބަދަލު ގެންނަން ހެލްތް މިނިސްޓްރީން ނިންމައިފި އެވެ.
ހެލްތް މިނިސްޓްރީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ޑޮކްޓަރުން ގެނައުމުގެ އުސޫލުތަކަށް ބަދަލުތަކެއް ގެނެސް ރެކްރޫޓު ކުރެވޭ ޑޮކްޓަރުންގެ ފެންވަރު މަތި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން މިނިސްޓްރީން ޑޮކްޓަރުންނާ އިންޓަވިއުކޮށް ޑޮކްޓަރުން ހަމަކުރުމަށް މަސައްކަތް ކުރާނެކަމަށް އަމީން ވިދާޅުވިއެވެ. އަދި ޑޮކްޓަރުންނާ އިންޓަވިއު ކުރުމުގެ ގޮތުން މިނިސްޓްރީގެ ވަފުދުތައް ތަންތަނަށް ގޮސް ޑޮކްޓަރުން ރެކްރޫޓޫ ކުރުމުގެ މަސައްކަތް ކުރާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ ކުރިން އެކި ފަރާތްތައް މެދުވެރިކޮށް ޑޮކްޓަރުން ރެކްރޫޓޫ ކުރަމުން ދިއުމުގެ ސަބަބުން އަދި ޑޮކްޓަރުން ރެކްރޫޓު ކުރުމަށް ގެންގުޅޭ އުސޫލުތަކުގެ ސަބަބުން އެންމެ ފެންވަރު ރަނގަޅު ނޫން ޑޮކްޓަރުން ރެކްރޫޓް ކުރެވިފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކުއްލިއަކަށް ރެކްރޫޓް ކުރަން ޖެހޭ ހާލަތްތަކުގައި ޑޮކްޓަރުން ވަގުތުން ވަގުތަށް ހޯދުމުގައި ދަތިތަކާ ކުރިމަތިވާކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ހެލްތް މިނިސްޓަރުގެ މަސްއޫލިއްޔަތާއި ހަވާލުވެގެން މިހާތަނަށް އައިސްފައިވާއިރު އެކި ރަށްރަށުގައި އެކަށީގެންވާ މިންވަރަށް ޑޮކްޓަރުންނާއި ނަރުހުން ނެތުމުގެ ސަބަބުން ދަތިތަކާ ދިމާވާ ކަމަށެވެ. ރަށެއްގައި ހުންނަ ޑޮކްޓަރު ނުވަތަ ހިދުމަތްތެރިއަކު ޗުއްޓީއަށް ފުރައިގެން ދިއުމުން އެތަނަކަށް ވަގުތުން ޑޮކްޓަރެއް ލެވޭނެ ގޮތެއް ސިސްޓަމްތެރޭ ނޯންނަކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މިހާރު މަސައްކަތް ކުރަނީ މިފަދަ ކަންކަން ހައްލުކުރުމަށް ކަމަށް ވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.