އައިޖީއެމްއެޗް ދުވަހުން ދުވަހަށް ހިންގުމާއި އައިޖީއެމްއެޗްގެ ކަންކަން ހަވާލުވެފައިވަނީ ހެލްތް މިނިސްޓްރީއާ ނޫން ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން މިހެން ވިދާޅުވީ މިއަދު އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުންނެވެ.
އައިޖީއެމްއެޗްގެ ހިދުމަތްތަކާ ގުޅިގެން އާންމުންގެ ޝަކުވާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި މިނިސްޓަރު އަމީން ވިދާޅުވީ އައިޖީއެމްއެޗް ހިންގުމުގެ މަސައްކަތް ހަވާލުވެފައި ވަނީ އައިޖީއެމްއެޗްގެ ބޯޑާ ކަމަށެވެ. އަދި އައިޖީއެމްއެޗްގެ މަސްއޫލިއްޔަތު ސަރުކާރުގެ ފަރާތުން ހަވާލުކޮށްފައިވަނީ ރައީސް އޮފީހުގެ މިނިސްޓަރަކާ ކަމަށް ވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.
''ހެލްތް މިނިސްޓްރީ އަކީ އައިޖީއެމްއެޗްގެ އޮޕަރޭޝަނަލް ލެވެލްގަ، އައިޖީއެމްއެޗް ހިންގުމުގަ އިދާރީ ގޮތުންނާއި އައިޖީއެމްއެޗްގެ ހިދުމަތްތައް ގާއިމް ކުރުމާއި އައިޖީއެމްއެޗްގެ ތަރައްގީއާ ގުޅޭ ކަންކަމުގަ ސީދާ ގޮތެއްގައި ބައިވެރިވުން އޮތް ތަނެއް ނޫން. އެހެންނަމަވެސް ހެލްތް މިނިސްޓްރީއަކީ ދައުލަތުގެ ސިއްހީ ކަންކަން ރެގިއުލޭޓް ކުރާ އޮތޯރިޓީ ކަމަށް ވާތީ އެގޮތުން ހެލްތް މިނިސްޓްރީގެ ހުރި މަސްއޫލިއްޔަތުތައް ހުންނާނެ.''
އަމީން އިތުރަށް ވިދާޅުވީ އައިޖީއެމްއެޗަށް ދުވަހުން ދުވަހަށް ކުރިމަތިވާ މައްސަލަތައް ހައްލުކުރުމުގައި ރައްޔިތުން އެދޭ ބަދަލުތައް ގެނެވޭނެ ކަމަށް އައިޖީއެމްއެޗްގެ އިދާރާއިން ނޫސްވެރީންނަށް މައުލޫމާތު ދީފައިވާކަމަށެވެ. އަދި އައިޖީއެމްއެޗްގެ އިތުރުން ރާއްޖޭގެ ސިއްހީ ނިޒާމާ ގުޅޭ ގޮތުން ރައްޔިތުންނަށް ޝަކުވާ ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި އަދި ރައްޔިތުންގެ އުދާސްތައް ހުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ސިއްހީ ހިދުމަތްތަކަށް ބަދަލު އަންނަ ކަމަށާއި ކުރިއަށް އޮތްތާގައި އިތުރު ބަދަލުތައް އަންނާނެކަމަށެވެ. އަދި ބަދަލުތަކާ ދިމާއަށް ދިއުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ސަރުކާރުން ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.