ބިއުޓީ

ބިޒީ މަންމައިންނަށް ފަސޭހައިން ރީތިވުމަށް ކޮށްލެވިދާނެ ބައެއް ކަންކަން

ގޭގައި ހުންނަ މަންމައަކަށް ވިޔަސް ވަޒީފާއަކަށް ދާ މަންމައަކަސް އަމިއްލަ ކަންކަމަށް ނުވަތަ އަމިއްލަ މީހާއަށް ވަގުތު ހުސްކުރުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ.

އެހެން ކަމުން މި އާޓިކަލުގައި، ފަސޭހައިން ރީތިވުމަށް ނުވަތަ ރީތިކަން ދެމެހެއްޓުމަށްޓަކައި ކޮށްލެވިދާނެ ބައެއް ކަންކަމަށް ބަލައިލާނަމެވެ.

ނިދުމުގެ ކުރީން ކާށިތެޔޮ ބޭނުން ކުރުން

ހަމާއި އިސްތަށިގަނޑު މާ ބޮޑަށް ޑްރައި ވާނަމަ ނިދުމުގެ ކުރީން އެއަށް ފަރުވާ ކޮށްލެވިދާނެއެވެ. ހަމާއި އިސްތަށިގަނޑުގައި ނިދުމުގެ ކުރީން ކާށި ތެޔޮ ހާކައިލާށެވެ. ހެނދުނު ހޭލާއިރު ހަމާއި އިސްތަށިގަނޑު އޮންނާނީ ވަރަށް ބޮޑަށް މަޑުވެ މޮއިސްޗަރައިޒްވެފައެވެ.

ނެއިލް ޕޮލިޝް ބޭނުން ނުކުރުން

ނިޔަފަތީގައި ކުލަ ޖައްސާ ހިތްވިއަސް ކުލަޖެއްސުމަށްފަހު ރަނގަޅަށް އެ ނުބެލެހެއްޓޭކަމަށް ވާނަމަ އެހާ ރީއްޗެއް ނުވާނެއެވެ. އެހެން ކަމުން ނިޔަފަތީގައި ކުލަ ޖެއްސުމުގެ ބަދަލުގައި ނިޔަފަތި ރަނގަޅަށް ފައިލް ކޮށްލައި އޮމާންކޮށްލައި ކިއުޓިކަލް ހައިޑްރޭޓްކޮށްލުމަށް ވެސްލިން ކަހަލަ ޕެޓްރޯލިއަމް ގެ ބާވަތެއް ނިޔަފަތީގައި ހާކާލާށެވެ.

ވެކްސްކުރުން ނުވަތަ އިސްތަށިބޭލުމަށް ގެ އިޚުތިޔާރުކުރުން

ސެލޫނަށް ދާން ވަގުތު ނުވާނަމަ އިސްތަށިބޭލުމަށް ރޭޒަރެއް އިހްތިޔާރު ކުރެވިދާނެއެވެ. ކޮންޑިޝަނާއެއް ނުވަތަ މޮއިސްޗަރައިޒަރެއް ގައިގައި ހޭކުމަށްފަހު ރޭޒަރަކުން ޝޭވްކޮށްލާށެވެ. ރޭޒަރު ބޭނުން ކުރަން ބޭނުން ނުވާނަމަ އެޕިލޭޓަރެއް ނުވަތަ ހޯމް ވެކްސް ސްޓްރިޕްސްވެސް ބޭނުން ކުރެވިދާނެވެ.

ގޭގައި ވެކްސް ކުރާނަމަ އެންމެ ރަނގަޅީ އިސްތަށިފަޅާހާ އަވަހަކަށް ވެކްސް ނުވަތަ ޝޭވްކުރުމެވެ. އޭރުން އިސްތަށި ދިގުވެގެން އެބާލަން ގިނައިރު ހޭދަކުރާކަށް ނުޖެހޭނެ އެވެ.

ޝީޓް މާސްކެއް ބޭނުން ކުރުން

ހަމުގެ ފަރުވާއަށް އަވަސް ހައްލެއްގެ ގޮތުގައި ޝީޓްމާސްކަށް އިންވެސްޓްކޮށްލާށެވެ. ދުވާލުގެ ވަގުތުގައިވިއަސް ނުވަތަ ނިދުމުގެ ކުރީންވެސް 15 ވަރަކަށް މިނެޓް މީގެ މާސްކެއް މޫނުގައި އަޅާލައިގެން އަރާމުކޮށްލާށެވެ. އެކި ޝީޓް މާސްކުން މޫނަށް ލިބޭނީ އެކި ފަރުވާއެވެ. ހަމަގައިމުވެސް މޫނަށް އަރާމުވެ މީހާ ތާޒާވާނެއެވެ. އަދި މާސްކެއް ގޭގައި ތައްޔާރުކުރަން ދާ ވަގުތު ބޭކާރެއް ނުވާނެއެވެ.

ސީސީ ކްރީމެއް ބޭނުން ކުރުން

ވަރުބަލި ވެފައިވާނަމަ އެކަން މޫނުން ދައްކާނެއެވެ. އެކަން ނުދައްކަން މޭކަޕް ކުރަން ވަގުތު ނުވާނަމަ ސީސީ ކްރީމެއް ބޭނުން ކުރާށެވެ. ސީސީ ކްރީމުން މޫނު މޮއިސްޗަރައިޒްކޮށްދީ، ހަމުގެ ކުލަ ރަނގަޅުކޮށްދީ ހަންގަނޑު އުޖާލާ ކަމަށް ދައްކާނެއެވެ.

ލިޕް ސްޓިކެއް ބޭނުން ކުރުން

މޫނުގެ ތާޒާކަން ދެއްކުމަށް އަބަދުވެސް އަތުޖެހޭ ހިސާބުގައި ލިޕްސްޓިކެއް ބާއްވާށެވެ. ސީސީ ކްރީމް ހޭކުމަށްފަހު ލިޕްސްޓިކް ހޭކުމުން މީހާ ފެންނާނީ ފްރެޝްކޮށްނެވެ. އަދި ޒުވާންކަމަށް ވެސް ދައްކާނެއެވެ.

ނޯ މެއިންޓެނެސް ހެއާކަޓެއް ނެގުން

އިސްތަށިގަނޑަށް ފަރުވާ ދިނުމަކީ ގިނަ ވަގުތު ދާކަމެކެވެ. އެހެން ކަމުން ފަސޭހައިން ގެންގުޅެވޭނެ ގޮތަކަށް ބޯކޮށާލާށެވެ. އޭރުން އިސްތަށިގަނޑު ދޮވެ، ކޮންޑިޝަންކޮށް ހިއްކާ ސްޓައިލް ކުރުމަށްދާ ވަގުތު ސަލާމަތްކުރެވޭނެއެވެ.