އެފްއޭއެމް

ފީފާ އާއި ނޯމަލައިޒޭޝަން ކޮމިޓީގެ ވެސް އެދުމުގެ މަތިން މިވަގުތު އަދި އެފްއޭއެމްގައި އެބަހުރިން: ޖައުޝަން

ފުޓުބޯޅައިގެ މައި އިދާރާ، ފީފާ އާއި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ނޯމަލައިޒޭޝަން ކޮމިޓީގެ ވެސް އެދުމުގެ މަތިން، އެންމެފަހުން އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުރި މުހައްމަދު ޖައުޝަން ޝަރީފް (ޖައު) އެ މަގާމުގައި މަޑުކުރަން ނިންމަވާފައިވާ ކަމަށް ވިދާޅުވެއްޖެއެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ޖައުޝަން އައްޔަން ކުރައްވާފައިވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުގައެވެ. އޭރު އިދާރާގެ ހާލަތު އޮތީ ވަރަށް ބޮޑަށް ގޯހުން ގޯހަށް ގޮސްފައެވެ.

އިދާރާގެ ރައީސްގެ މައްޗަށް ކޮރަޕްޝަނާއި މަނީލޯންޑަރިންގެ ދައުވާ ވެސް އުފުލައިވާ އިރު، އިދާރީ ހިންގުން އޮތީ ބޮއްސުންލައިގެން ގޮސްފައެވެ. ފުޓުބޯޅައިގެ ހާލަތު ގޯސްވެ، ފީފާއިން ބައްސާމް ސަސްޕެންޑް ވެސް ކޮށްފައިވާ އިރު، ޖައުޝަން ވަނީ ނޯމަލައިޒޭޝަނާ ހަމައަށް އިދާރީ ކަންކަން ފީފާގެ އެންގެވުމުގެ މަތިން ކުރައްވައިފައެވެ.

ފީފާއިން އެފްއޭއެމް ނޯމަލައިޒްކޮށް، ކޮމިޓީގެ ޗެއާއަކަށް އަހުމަދު ޒުހޫރު އައްޔަން ކުރީ މިދިޔަ މަހުއެވެ.

ކޮމިޓީއަށް ފީފާއިން އައްޔަން ކޮށްފައިވާ އިތުރު މެމްބަރުންގެ ތެރޭގައި ނެކްސިއާ މޯލްޑިވްސްގެ ކޯ ފައުންޑަރު، އަދި މެނޭޖިން ޕާޓްނަރު ފަރީހާ ޝަރީފާއި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަލްއުސްތާޒު އަހްމަދު މުއިއްޒު އަދި އިސްމާއީލް ސިމަންއާއި އަހުމަދު އަލީ ހިމެނެއެވެ.

ޖައުޝަން "ވަން ސްޕޯޓްސް" އަށް ވިދާޅުވީ ކުރިންވެސް އިސްތިއުފާ ދެއްވާފައި ނުވާނެ ކަމަށާއި އެއްބަސްވުން ހަމަވުމުން، އެއްބަސްވުން އާކުރަން ބޭނުންނުވާ ކަމަށް އެންގި ކަމަށެވެ.

"އިސްތިއުފާ ދިނީއެއް ނޫން، ވަޒީފާގެ ކޮންޓްރެކްޓް އާ ކުރަން ބޭނުންނުވާ ކަމަށް އަޅުގަނޑު ބުނިން. ނޯމަލައިޒޭޝަން ކޮމެޓީ އައްޔަނުވުމުގެ ކުރިންވެސް މިވާހަކަ ފީފާއާ ވާނީ ހިއްސާކޮށްފައި. އަދި ކޮމެޓީ އައްޔަނުކުރަންވާ އިރަށް އަޅުގަނޑުގެ ފަރާތުން ހޭންޑްއޯވާ ރިޕޯޓް ތައްޔާރުކޮށް ފީފާ އަދި އޭއެފްސީ އާއި ވާނީ ހިއްސާކޮށްފައި،" ޖައުޝަން ވިދާޅުވިއެވެ،

ޖައުޝަން ވިދާޅުވީ ކޮމެޓީ އައްޔަނުވުމަށްފަހު އެކަން ވާނީ ކޮމެޓީ އާއި ޗެއާމަނާ ހިއްސާކުރައްފައިވާ ކަމަށެވެ.

"އެކަމުގައި ފީފާ އާއި ކޮމެޓީ އަދި ކޮމެޓީގެ ޗެއާމަންގެ އެދުމަކީ މިވަގުތު މަޑުކޮށްދިނުން. އެފްއޭ މިއޮތް ހާލަތުން ކަންކަން ތަރުތީބު ކުރުމަށްޓަކައި ކޮމެޓީއާ އެކު މަސައްކަތް ކޮށްދިނުމަށް ފީފާ އަދި ކޮމެޓީންވެސް އެދިފައިވަނީ. އެހެންވީމަ ފީފާ އާއި ކޮމެޓީ އަދި ކޮމެޓީގެ ޗެއާމަންގެ އެދުމުގެ މަތިންނާއި ފުޓުބޯޅައަށް މަސައްކަތްތަކެއް ކޮށްދިނުމުގެ ހެޔޮ ނިޔަތުގައި އަދި މިވަގުތު އެފްއޭގައި އެބަހުރިން،" ކުރިން އެފްއޭއެމްގެ ލީގަލް ހެޑްގެ މަގާމުގައި މަސައްކަތް ކުރެއްވި ޖައުޝަން ވިދާޅުވިއެވެ.