ބެލޮންޑިއޯ އެވޯޑު

ބެލޮންޑިއޯއަށް ވާދަކުރާ ލިސްޓްގައި ނުހިމެނޭތީ ރޮޑްރީގޯގެ ހިތްހަމަ ނުޖެހުން!

ދުނިޔޭ ފުޓުބޯޅައިގައި ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ ބެލޮންޑިއޯއަށް މިއަހަރު ވާދަކުރާ 30 ކުޅުންތެރިން ޝޯޓްލިސްޓްގައި ނަން ހިމެނިފައިނުވާތީ، ރެއާލް މެޑްރިޑްގެ ބްރެޒިލް ފޯވަޑް ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

ފްރާންސްގެ ފުޓުބޯޅަ ނޫހެއް ކަމަށްވާ، ފްރާންސް ފުޓުބޯޅައިން 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ބެލޮންޑިއޯ އެވޯޑަކީ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އިންޑިވިޖުއަލް އެވޯޑެވެ. އެ އެވޯޑުގެ ހައިބަތު ބޮޑުވުމުން 2010 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ފީފާއިން ވަނީ އެ އިދާރާއިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަކީ ވެސް ބެލޮންޑިއޯ ކަމަށް ހަމަޖައްސައިފައެވެ. އެ އެއްބަސްވުން ހަމަވެ، 2016 ވަނަ އަހަރުން ފެށިގެން ފީފާއިން އަނެއްކާވެސް ވަނީ ފީފާ ދަ ބެސްޓް އެވޯޑު ތައާރަފުކޮށް ދޭން ފަށައިފައެވެ.

މިފަހަރުގެ އެވޯޑަށް ވާދަކުރާ 30 ކުޅުންތެރިންގެ ލިސްޓްގައި މިދިޔަ އަހަރު ރެކޯޑު އަށްވަނަ ފަހަރަށް އެވޯޑު ހޯދި ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ނަން ވެސް ހިމެނިފައެއް ނުވެއެވެ. މިއީ 2003 ވަނަ އަހަރު ފަހުން، އޭގެ ތެރެއިން އެއްވެސް ކުޅުންތެރިޔަކު ނެތި ބެލޮންޑިއޯ ލިސްޓް އިއުލާނު ކުރި ފުރަތަމަ ފަހަރެވެ.

އޭގެ އިތުރުން، މިދިޔަ ސީޒަނުގައި ރެއާލާ އެކު ލީގާއި ޗެމްޕިއަންސް ލީގު ހޯދައި، އެ ކްލަބަށް މުހިއްމު ރޯލެއް ކުޅުނު ރޮޑްރީގޯ ވެސް ލިސްޓްގައި ނުހިމެނެއެވެ. އުމުރުން 23 އަހަރުގެ ހުނަރުވެރި ފޯވަޑް ވަނީ މިދިޔަ ސީޒަނުގައި ރެއާލަށް 17 ގޯލު ޖަހައިދީ، ނުވަ އެސިސްޓް ފުރިހަމަ ކޮށްފައެވެ. އެއީ 51 މެޗުންނެވެ.

"އަހަރެން ހިތްހަމަ ނުޖެހުނު،" ރޮޑްރީގޯ ބެލޮންޑިއޯ ނޮމިނޭޝަންތަކާ ގުޅިގެން ބުންޏެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި ބެލޮންޑިއޯ ނޮމިނޭޝަން ލިސްޓްގައި ހިމެނެން ހައްގު. އަހަރެން މި ބުނާ އެއްޗަކީ އެހެން ކުޅުންތެރިންނަށް ހައްގު ނޫން ވާހަކައެއް ނޫން. އެ 30 ކުޅުންތެރިންނަށް ވެސް ހައްގު. އަދި އެއްވެސް ކުޅުންތެރިޔަކު ދެރަކޮށްލަން އެއްވެސް ވާހަކައެއް ދައްކަން ބޭނުމެއް ނޫން،" ރޮޑްރީގޯ ބުންޏެވެ.

ރޮޑްރީގޯ އިތުރަށް ބުނީ އެކިއެކި މަގާމުތަކަށް ސީޒަން ތެރޭގައި ކުޅެން ޖެހުމަކީ އޭނާ ގަދަ 30 އަށް ނޮމިނޭޓް ނުވި ސަބަބެއް ކަމަށް ބެލެވޭ ކަމަށެވެ. އެހެން ނަމަވެސް އެއީ ހަގީގަތުގައި އެކަން ވާން ޖެހޭނެ ގޮތެއް ނޫން ކަމަށްވެސް ރޮޑްރީގޯ ބުންޏެވެ.