މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ގދ. ގައްދޫ އައިސް ޕްލާންޓު އަޕްގްރޭޑްކޮށް އަލުން ހިދުމަތް ދޭން ފަށައިފިއެވެ.
ގައްދޫގައި ހުންނަ މިފްކޯގެ އައިސް ޕްލާންޓްގެ ކެޕޭސިޓީ ދެގުނައަށް ބޮޑުކުރުމަށް އެއްބަސްވީ 2022 ޑިސެމްބަރު 8 ގައެވެ. އެ މަޝްރޫއުގެ ދަށުން އައިސްޕްލާންޓްގެ ކެޕޭސިޓީ ދެގުނައަށް އިތުރު ވުމާއެކު 100 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ވެސް ގާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިފްކޯއިން މިއަދު މީޑިއާތަކަށް ބުނީ ގައްދޫ އައިސްޕަލާންޓުން ދުވާލެއްގެ މައްޗަށް 50 ޓަނުގެ ފްލޭކްސް އައިސް އުފެއްދޭނެ ކަމަށެވެ. ފްލޭކްސް އައިސް އުފައްދާ އެހެން އައިސް ޕްލާންޓުތަކާ ހިލާފަށް އަމިއްލައަށް އައިސް ނެގުމުގެ ބަދަލުގައި، އައިސް ބަކެޓަށް ޕްލާންޓުގެ އެހީގައި އައިސް އެޅިގެންދާނެ ކަމަށެވެ. އެކަމުގެ ސަބަބުން މަސްވެރިންނަށް ފަސޭހައިން އައިސް ލިބިގެންދާނެ ކަމަށް ބުންޏެވެ.
ގައްދޫ އައިސް ޕްލާންޓުގެ ކެޕޭސިޓީ 25 ޓަނުން 50 ޓަނަށް އަޕްގްރޭޑް ކުރި އިރު، މިފްކޯގެ ބެލުމުގެ ދަށުން އިތުރު ފަސް ރަށެއްގައި އައިސް ޕްލާންޓުތައް އޮޕަރޭޓް ކުރަމުން ގެންދާ ކަމަށް މިފްކޯއިން ބުންޏެވެ.
އޭގެ އިތުރުން ފެނަކައިގެ ބެލުމުގެ ދަށުން އޮޕަރޭޓް ކުރަމުން އަންނަ 18 އައިސް ޕްލާންޓާ ހަވާލުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށްވެސް މިފްކޯއިން ބުންޏެވެ.