ޚަބަރު

މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރަން ފުލުހުން މަގުތަކަށް، ޗެކްޕޮއިންޓް ޖަހައި ވެހިކަލް ޗެކުކުރާނެ

މަގުމަތީގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ފުލުހުން މަގުތަކަށް ނުކުމެ، ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ އިދާރާ އިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވެހިކަލް ޗެކްޕޮއިންޓުތައް ޖަހައި، ވެހިކަލް ބަލައިފާސްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އޭގެ އިތުރުން ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެ، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރަން ފުލުހުން އޮޕަރޭޝަނެއް ފެށި އިރު، މާލެ އާއި ހުޅުމާލޭގައި މިދިޔަ ހަފުތާގައި ހިނގި ދެ އެކްސިޑެންޓެއްގައި ދެ ޒުވާނަކު ވަނީ މަރުވެފައެވެ.