ނެދަލެންޑް

ގައުމީ ޓީމުން ރިޓަޔާކުރަން ވިސްނާނީ އަދި ވޯލްޑް ކަޕެއް ކުޅެފައި: ވެން ޑައިކް

ޔޫރޯ 2024 އަށްފަހު ނެދަލޭންޑްސްގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ހިޔާލެއް އައި ނަމަވެސް، އަދި ވަގުތު ނުޖެހޭ ކަމަށާއި، ބޭނުންވަނީ ގައުމީ ޓީމާއެކު އަދި އިތުރު ވޯލްޑް ކަޕެއް ކުޅެން ކަމަށް ކެޕްޓަން ވާޖިލް ވެން ޑައިކް ބުނެފިއެވެ.

ވެން ޑައިކް އެގޮތަށް ވާހަކަ ދައްކާފައި ވަނީ ރޭ ނެދަލޭންޑްސްއިން ނޭޝަންސް ލީގުގައި ހޯދި މޮޅަށްފަހުއެވެ. ނެދަލޭންޑްސްއިން ވަނީ ރޭ ބޮސްނިއާ ކައިރިން 5-2 އިން މޮޅުވެފައެވެ. ރޭގެ މެޗުގައި ނެދަލޭންޑްސްގެ ގޯލުތައް ޖެހީ ޖޯޝުއާ ޒިރްކްޒީއާއި ތީޖާނީ ރެއިންޑޭޒްގެ އިތުރުން ވޯޓް ވެގޯސްޓާއި ޒަވީ ސިމޮންސް އަދި ކޯޑީ ގަކްޕޯއެވެ.

ރޭގެ މެޗަށްފަހު ޔޫރޯއަށްފަހު ދެ ހިޔާލަކަށް ދިޔަ ނަމަވެސް އޮރެންޖް ޖާޒީއަށް ކުރާ ހިދުމަތް ހުއްޓާލަން ބޭނުން ނުވާ ކަމަށެވެ.

"އަހަންނަށް އެނގޭ އަހަރެން ދެ ހިޔާލެއްގައި ހުރިކަން. ހާއްސަކޮށް އޭރު ބޮޑަށް ވިސްނީވެސް ހުއްޓާލަން. އެއީ މާޔޫސްކަމުގައި އަހަންނަށް ވިސްނުނު ވިސްނުމެއް. އެވަގުތަށް އެއީ އެންމެ ފަހު މެޗަށްވާނެ ކަމަށް އަހަރެންވެސް ހީކުރިން. އެހެންވިޔަސް އަދި ނެދަލޭންޑްސް ގައުމީ ޓީމަށް މިކުރާ ހިދުމަތް ހުއްޓާލާކަށް ނޫޅެން. އަހަންނަކީ އެހާ އަވަހަށް އުންމީދުކަނޑާލާ މީހެއް ނޫން. އަދި ދޫ ދޭނެ މީހެއްވެސް ނޫން،" ވެން ޑައިކް ބުންޏެވެ.

ވެން ޑައިކް ބުނީ ގައުމީ ޓީމަށް ކުޅޭއިރު، އެކަމުގައި ދެ ކަމަކަށް ބަލަން ޖެހޭ ކަމަށެވެ. އެއް ކަމަކީ އަމިއްލައަށް ބޭނުންވުމުގެ އިތުރުން، ގައުމީ ޓީމަށް އޭނާގެ ބޭނުން ހިފޭނެތޯ ސުވާލުކުރުމެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި ގައުމީ ޓީމަށް އަދިވެސް އަހަރެންގެ ބޭނުން ކުރެވޭނެ. އަހަންނަކީ އަދިވެސް ލިވަޕޫލްގެ ކެޕްޓަން. އަދި ފިޒިކަލީ އަހަރެން މިހުރީ ވަރަށް ފިޓްކޮށް، ދުވަހެއް ދުވަހަކަށް ބޯޅައިގެ ހުނަރުވެސް މިދަނީ ރަނގަޅު ކުރެވެމުން. އަހަރެން ބޭނުން އަދި ވޯލްޑް ކަޕެއް ކުޅެން،" އުމުރުން 33 އަހަރުގެ ވެން ޑައިކް ބުންޏެވެ.

ވެން ޑައިކް، 2015 ވަނަ އަހަރު ނެދަލޭންޑްސް ގައުމީ ޓީމަށް ފުރަތަމަ މެޗު ކުޅެދީފައިވާ އިރު، އޭނާ ވަނީ މިހާތަނަށް 75 މެޗު އެގައުމުގެ ގައުމީ ޓީމަށް ކުޅެފައެވެ.