ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 13 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން މި ބިލާއި އިސްލާހު ފާސްކުރީ މިދިޔަ އޮގަސްޓު މަހުގެ 22 ގައެވެ.
ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގެ ބިން އިގުތިސޯދީ އަދި އިޖުތިމާއީ ގޮތުން އެކަށީގެންވާ ގޮތެއްގެ މަތިން ބަލަހައްޓައި ބިނާވެށި ޕްލޭން ކުރުމަށް މަގުފަހިކުރުން ހިމެނެއެވެ. އަދި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ތަރައްގީކުރުމަށް މަގުފަހިވާނެ ގޮތަކަށް ބިނާވެށި ޕްލޭންކޮށް ހިންގުމާގުޅޭ އުސޫލުތައް ކަނޑައެޅުމަކީވެސް އެ ގާނޫނުގެ ބޭނުމެކެވެ.
ގާނޫނުގައިވާ ގޮތުން ބިނާވެށި ޕްލޭންކުރުމާއި ހިންގުމާބެހޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ، ކެބިނެޓުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ. އެ ގާނޫނުގެ ދަށުން ބިނާވެށި ޕްލޭންތައް އެކުލަވައިލައި، އެ ޕްލޭންތައް ފާސްވުމަށްފަހު އެ ޕްލޭންތައް ތަންފީޒުކުރެވެމުންދާ ގޮތް ބެލުމާއި ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ބިން ތަރައްގީކުރުމުގެ ހުއްދަތައް ދިނުމުގެ މަސްއޫލިއްޔަތު ހަ ފަރާތަކަށް ހަވާލުކޮށްފައިވެއެވެ. އެއީ:
ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނުގައިވާ ގޮތުން ރާއްޖޭގައި އެއްވެސް ބިމެއް ތަރައްގީކުރެވޭނީ، އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ބިން ތަރައްގީކުރުމުގެ ހުއްދަ ހޯދުމަށްފަހުއެވެ. އަދި އެ ގާނޫނުގެ ދަށުން ދޫކުރާ ބިން ތަރައްގީކުރުމުގެ ހުއްދައާއި އެ ހުއްދައިގައި ކަނޑައަޅައިފައިވާ ޝަރުތުތަކާއި މުއްދަތުތަކާ އެއްގޮތަށް އަދި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅައިފައިވާ ތަރައްގީކުރުމުގެ މިންގަނޑުތަކާ އެއްގޮތަށް، ހުއްދަ ދޫކުރެވުނު ފަރާތުން އަމަލުކުރަންވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
އެ ގަވާއިދުތައް، ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި ހަދައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަންވާނެ ކަމަށްވެސް ގަނޫނުގައި ބަޔާންކޮށްފައިވެއެވެ.
ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު ރައީސް ތަސްދީގު ކުރެއްވުމާއެކު އެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ. އެ ގާނޫނަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން ހަ މަސް ދުވަސް ހަމަވާ ތާރީހުގައެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހުގެ ގެންނަން މި ސަރުކާރުން ނިންމީ ރާއްޖޭގައި ބިނާވެށި ޕްލޭންކޮށް ހިންގުމާގުޅޭ ކަންކަން އިންތިޒާމު ކުރުމަށްޓަކައި ހުށަހަޅާ ބިނާވެށި ޕްލޭންކޮށް ހިންގުމުގެ ބިލާ ގުޅިގެން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.
އެ އިސްލާހުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރަށު ކައުންސިލްތަކުންނާއި ސިޓީ ކައުންސިލްތަކުން އެކުލަވައިލަންޖެހޭ ލޭންޑް ޔޫސް ޕްލޭން، ބިނާވެށި ޕްލޭންކޮށް ހިންގުމުގެ ގާނޫނުގެ ދަށުން އެކުލަވާލައި ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭންގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފައިވާތީ، އެފަދައިން އެ ބަދަލުތައް ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައުމެވެ.
އެ ބިލުގައި ރަށެއްގެ ނުވަތަ ސިޓީއެއްގެ ތަރައްގީގެ ޕްލޭނާއި ކައުންސިލުން ހަދައި ކަމާގުޅުން ހުރި ގައުމީ އިދާރާއިން ފާސްކުރާ އެ ރަށެއްގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް އޮތް އޮތުން އުނިކޮށް، ތަރައްގީގެ ޕްލޭން އޮންނަންވާނީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީންކަމަށް ވަނީ ބަޔާންކޮށްފައެވެ.