ޚަބަރު

ރޮބޯމޭން ދަ މޫވީ: އަހަރުތަކަކަށްފަހު އާއިލާއާއެކު ބަލައިލެވޭނެ ފިލްމެއް!

ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ "ރޮބޯމޭން - ދަ މޫވީ" ގެ ޓްރެއިލާ ނެރެފިއެވެ.

ހޮނިހިރު ދުވަހު ސޯޝަލް މީޑިއާއަށް ދޫކޮށްލި ރޮބޯމޭން މޫވީގެ ޓްރެއިލާގައި ފެނިގެންދަނީ ނެށުމުގެ މުބާރާތެއްގެ ތެރެއިން ހިނގައިދާ ކަންތައްތަކެއްގެ މައްޗަށް އެކުލެވޭ ވާހަކައެއްގެ މަންޒަރުތަކެވެ. އެއް މިނެޓާއި 50 ސިކުންތުގެ މިޓްރެއިލާގައި ލީޑް ރޯލުން ފެނިގެންދާ އަށް އަހަރުގެ އަމީލިއާ ނަސްރު ﷲ ޝަކީބު އާއި ދިހަ އަހަރުގެ މިޝާ އިސްމާއިލް ނިޔާޒުގެ މޮޅު އެކްޓިން ގިނަ ބައެއްގެ ތައުރީފް ވަނީ ލިބިފައެވެ. މި ދެ ކުދިންނަކީ ވެސް އޮޑިޝަނުން ހޮވުނު ދެ ކުދިންނެވެ.

މީގެ އިތުރުން ޓްރެއިލާއިން އެންމެންގެ ޝައުގުވެރިކަން ދަމައިގެންފައިވަނީ 2040 ވަނަ އަހަރު މާލެ އާއި ބްރިޖް އޮންނާނެ ގޮތުގެ މަންޒަރު ދައްކާލި މަންޒަރަށެވެ. ޓައިމް ޓްރެވަލްގެ މަންޒަރުތަކެއް ވެސް ފެނިގެންދާ ޓްރެއިލާއިން ފިލްމަށް ގިނަ ބަޔަކު އޮތް ޝައުގުވެރިކަން ވަނީ އިތުރުވެގެން ގޮސްފައެވެ.

"ރޮބޯމޭން - ދަ މޫވީ"، ފިލްމަކީ ހިޔާލީ ސްޓޯރީލައިނަށް ތައްޔާރުކުރާ، ހުރިހާ އުމުރުފުރައެއްގެ މީހުން ޝައުގުވެރިވާނެ ގޮތަކަށް އޯކޭޒް އިންކް އާއި މީޑިއާނެޓް ގުޅިގެން އުފައްދާ ފިލްމެކެވެ. މި ފިލްމަކީ އާއިލާއާ އެކު ބަލައިލެވޭނެ ފިލްމެކެވެ. މިފަދަ ފިލްމެއް އޮލިމްޕަސް ސްކްރީނަށް މިއަންނަނީ ވަރަށް ގިނަ ދުވަސްތަކަކަށްފަހުއެވެ.

މަހުދީ އަހުމަދުގެ ކްރިއޭޓިވް ސްކްރީންޕްލޭގެ މައްޗަށް ބިނާކޮށް އުފައްދާ އެ ފިލުމުން ރޮބޯމޭންގެ ލޯބިވާ ކެރެކްޓާ އަށް ދިރުމެއް ގެނެސްދޭނީ ފޯރިގަދަ ފިކްޝަނަލް އެޑްވެންޗާ އަކުންނެވެ.

އިބްރާހިމް ވިސާމް (ކަނޑި) އާއި އިބްރާހިމް މުންތަސީރު (މުންކޮ)ގެ ޑައިނަމިކް ޑޫއޯ އިން ޑައިރެކްޓް ކުރާ އެ ފިލްމަކީ ގިނަ ބައެއްގެ ޝައުގުވެރިކަން ލިބިގެންދާނެ ފިލުމަކަށް ވެގެންދާނެއެވެ.

އޯކޭޒް އިންކް އިން މި ފިލްމު އިއުލާނު ކުރީ ކުޑަކުދިންގެ ދުވަހާ ދިމާކޮށެވެ. އަދި ޖޫން މަހު މި ފިލްމަށް ބޮޑު އޯޑިޝަންއެއް ބޭއްވުމަށް ފަހު، 100 އަށް ވުރެ ގިނަ ކުދިން ބައިވެރިވެ އެ ކުދިންގެ ހުނަރު ފިލްމުގެ ޓީމްއަށް ދައްކާލި އެވެ.

"ރޮބޯމޭން ދަ މޫވީ" ރިލީޒް ކުރާނީ މި މަހު 26 ގައި އޮލިމްޕަސް ސްކްރީނުގައެވެ. މި ފިލްމުގެ ދެ ޝޯ ކޮންމެ ދުވަހަކު ވެސް ދެއްކުމަށް ހަމަޖެހިފައިވާ އިރު، ޝޯތައް އޮންނާނީ މެންދުރުފަހު 2:00 އާއި ހަވީރު 4:00 ގައެވެ. އެ ޝޯތަކަށް ޓިކެޓް ބުކްކުރުމަށް މިހާރު ވަނީ ހުޅުވާލައިފައެވެ.