ޚަބަރު

ޕޯސްޓްމޯޓަމަށްފަހު އަތުހަރުގެ ހަށިގަނޑު މިރޭ ވަޅުލަނީ

ފާތިމަތު ލިޔުޝާ

އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ރަހީނުކުރި މައްސަލައިގައި ފުލުހުންގެ ހައްޔަރުގައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން ހާލު ސީރިއަސްވެ، ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވި އާދަމް އަތުހަރުގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު ހަށިގަނޑު ރާއްޖެ ގެނެސް މިރޭ ވަޅުލާން ނިންމައިފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ޕޯސްޓްމޯޓަން ހެދުމަށްފަހު އަތުހަރުގެ ހަށިގަނޑު ރާއްޖެ ގެނެސްފައިވަނީ މިއަދު ހަވީރު 5:30 ގައި ކަމަށެވެ.

އަތުހަރުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 10:00 ގައެވެ. ޖަނާޒާގެ ކަންކަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އަތުހަރު ދަން ޖެހިފައި ހުއްޓައި ފެނުނީ މިމަހުގެ ދެވަނަ ދުވަހުގެ ރޭ 7:02 ގައެވެ. އަދި އޭނާ އައިޖީއެމްއެޗަށް ގެނައީ އޭގެ 23 މިނެޓު ފަހުން ކަމަށް ވެސް ބުންޏެވެ. އޭނާ މަރުވީ މިމަހުގެ ތިންވަނަ ދުވަހުގެ ހަވީރު 4:08 ހާއިރުއެވެ.

އަތުހަރުގެ މަރާ ގުޅިގެން މިމަހުގެ ތިންވަނަ ދުވަހު، ހޯމްލޭންޑް މިނިސްޓްރީން އިސްކަންދަރު ކޮށީގައި އަތުހަރު ގޮޅީގައި ދަންޖެހޭތަން ފެންނަ ސީސީޓީވީ ފުޓޭޖެއް ނޫސްވެރިންނަށް ދައްކާލިއެވެ. އަތުހަރު ދަން ޖެހިފައި ހުއްޓައި ފުލުހުންނަށް ފެނުނީ ސީސީޓީވީންނެވެ. އަދި އެ ވީޑިއޯ އިން ފެންނަ ގޮތުގައި، އޭނާ ދަންޖެހިފައި ހުއްޓައި އޮފިސަރުންނަށް ފެނުނީ 30 ވަރަކަށް މިނެޓު ފަހުންނެވެ.

އަތުހަރުގެ ހަށިގަނޑުގެ ޕޯސްޕޯޓަމް ހެދުމަށް އާއިލާއިން އިންކާރު ކުރި ނަމަވެސް، ފުލުހުން ވަނީ މިދިޔަ ބުދަ ދުވަހު އޭނާގެ ހަށިގަނޑު އިންޑިއާއަށް ގެންގޮސްފައެވެ.