ޚަބަރު

އެއްލައިލި ސިނގިރޭޓް ފޮށިން ޑްރަގް ފެނުނު މައްސަލައިގައި ޖޫރިމަނާކޮށް 24 އަހަރަށް ޖަލަށްލައިފި

އިބްރާހިމް ޒަކީ

އެއްލައިލި ސިނގިރޭޓް ފޮށިން ޑްރަގް ފެނުނު މައްސަލައިގައި ކުށް ސާބިތުވެ، 100،000 ރުފިޔާއިން ޖޫރިމަނާކޮށް މީހެއްގެ މައްޗަށް 24 އަހަރާއި 11 ދުވަހުގެ މުއްދަތަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ކޮށްފައިވަނީ، މއ.ސިޓީވިލާ ހަސަން ސިފާހުގެ މައްޗަށެވެ.

ހަތެއް ފެބްރުއަރީ 2022 ވަނަ އަހަރު ހިނގި އެ ހާދިސާގައި، ފުލުހުން އޭނާ ހައްޔަރުކުރީ ދުއްވަން އިން ސައިކަލުގައި ދެ ލޯގަނޑު ނެތް މައްސަލައިގައި އޭނާ ދުއްވަން އިން ސައިކަލު މަޑުކުރަން ފުލުހުން އެންގުމުން، ކުޑަ ތަންކޮޅަކަަށް ގޮސް ސައިކަލް މަޑުކުރުމަށްފަހު، ސައިކަލުން ފައިބައިގެން ދާން ފެށުމުން، ފުލުހުން އޭނާ މަޑުކުރަން އެންގި ވަގުތު މަލްބަރޯ ސިނގިރޭޓް ފޮއްޓެއް ބިންމައްޗަށް ވައްޓައިލުމަށްފަހު ދުއްވައިގަތުމުންނެވެ.

އޭނާގެ ހާޒިރުގައި ފުލުހުން އެ ސިނގިރޭޓު ފޮށި ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި އަޅާފައި ހުރި 95 ރަބަރު ޕެކެޓް ވަނީ ފެނިފައެވެ. އޭނާގެ މައްޗަށް ދައުލަތުން ދައުވާކުރީ އެ މައްސަލައާ ގުޅިގެންނެވެ.

މި މައްސަލައިގައި ކުރިމިނަލް ކޯޓުން ހުކުމްކުރި ތާރީހު ކަމުގައިވާ، މިމަހުގެ ތިންވަނަ ދުވަހުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި 100،000 ރުފިޔާގެ ޖޫރިމަނާ ފައިސާ ދައްކަން ޖެހޭނެ ކަމަށް ހުކުމްގައިވެއެވެ.