ޚަބަރު

ބުދަ ދުވަހުގެ ރޭ މާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ މަރުވެއްޖެ

މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ މަރުވެއްޖެއެވެ.

ފުލުހުން ބުނި ގޮތުގައި އެ އެކްސިޑެންޓު ހިނގީ މިދިޔަ ބުދަ ދުވަހުގެ ރޭ 12:53 ހާއިރު، ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ކާރަކާއި ސައިލެއް ޖެހިގެންނެވެ.

އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓުގައި މަރުވެފައިވަނީ ގދ. ގައްދޫ، މުހައްމަދު ލީވާން 21އ. އަށެވެ.

އެ އެކްސިޑެންޓުގައި ލީވާނަށް ބޮޑެތި އަނިޔާތަކެއް ލިބުމުން، އޭނާއަށް ފަރުވާދެމުން ދިޔައީ އައިޖީއެމްއެޗުގެ އެމަޖެންސީގައި ވެންޓިލޭޓަރުގެ އެހީގައެވެ.

"ވަން" އަށް މައުލޫމާތު ދެމުން ލީވާންގެ އާއިލާގެ މީހަކު ބުނީ މިރޭ 2:10 ހާއިރު ލީވާން މަރުވެފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އޭނާ މަރުވީ، ޑޮކްޓަރުން އުންމީދު ކަނޑާލައިފައި އޮންނަތާ ދެ ދުވަސް ފަހުންނެވެ.

މަންޒަރު ދުށް ފަރާތަކުން "ވަން" އަށް ބުނި ގޮތުގައި ކަޅު ކުލައިގެ އެކްޒައިޓާ 135 ސީސީގެ ސައިލެއްގައި ބާރު ސްޕީޑުގައި ދުއްވާފައި އައި އެ ޒުވާން ކޮންޓްރޯލް ނުވެގެން ގޮސް ޖެހުނީ، ކޮއިމަލާ ހިނގުމަށް އަޅަން އުޅުނު ނޫ ކުލައިގެ ޓެކްސީއެއްގައި ކަމަށެވެ. އަދި އެ ޓެކްސީގެ ކުރީ ދޮރުފަތާ ދިމާލުން ސައިލަކު ޖެހުމުން ޓެކްސީއަށާއި ސައިކަލަށްވެސް ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ސައިކަލު ދުއްވަން އިން ޒުވާނާވެސް ވިއްސައިގެން ދިޔަ ކަމަށް އޭނާ ބުނެފައިވެއެވެ.

"އޭނާގެ މޫނުން ގިނަ އަދަދެއްގެ ލޭ ފައިބަމުންދިޔަ އެއިރުވެސް، އެކި ތަންތަން މަށައިގެންވެސް ގޮސްފައި ހުރި،" އޭނާ ބުނެފައިވެއެވެ.

މާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ މަރުވެފައިވާ އިރު، މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ވެސް ވަނީ ޒުވާނަކު މަރުވެފައެވެ. އެ އެކްސިޑެންޓުގައި މަރުވެފައިވަނީ 23 އަހަރުގެ ޒުވާނެކެވެ.