މޯލްޑިވްސް ކަސްޓަމްސް ސާވިސް

މިދިޔަ މަހު 4.1 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކުރި

މިދިޔަ އޭޕްރީލް މަހު 4.1 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރުގެ އޭޕްރީލް މަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ 3.8 ބިލިއަން ރުފިޔާގެ މުދަލެވެ. އަދި 2019 ވަނަ އަހަރުގެ އޭޕްރީލް މަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ 4.1 ބިލިއަން ރުފިޔާގެ މުދަލެވެ. މިއީ މިދިޔަ އަހަރުގެ އޭޕްރީލްމަހާ އަޅައި ބަލާއިރު ނުވައެއް އިންސައްތައިގެ އިތުރުވުމެކެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު 377 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާއިރު، މިއަހަރުގެ އޭޕްރީލް މަހު އެކްސްޕޯޓްކޮށްފައިވަނީ 324 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ މިދިޔަ އަހަރާ އަޅައި ބަލާއިރު 14 އިންސައްތަ ދަށް އަދަދެކެވެ.

މީގެއިތުރުން ދައުލަތަށް ލިބުނު އާމްދަނިއަށް ބަލާއިރު، މިދިޔަ އަހަރުގެ އޭޕްރީލް މަހު 262 މިލިއަން ރުފިޔާ ލިބުނު އިރު މިއަހަރުގެ އޭޕްރީލް މަހު ދައުލަތަށް ލިބިފައިވަނީ 300 މިލިއަން ރުފިޔާ ކަމަށާއި މިއީ 14 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ވެސް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީ އިންނެވެ. އެގޮތުން އިމްޕޯޓްކުރި މުދަލުގެ 23 އިންސައްތަ އެތެރެ ކޮށްފައިވަނީ ޔޫއޭއީ އިންނެވެ. ދެވަނައަށް އެންމެ ގިނަ މުދާ އެތެރެކުރީ ޗައިނާ އިންނެވެ. ތިންވަނައަށް ސިންގަޕޫރުންނެވެ.

ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މުދާ އެކްސްޕޯޓުކުރީ ތައިލެންޑަށެވެ. ދެވަނައަށް އެމެރިކާއިންނެވެ. ތިންވަނައަށް އެންމެ ގިނައިން ރާއްޖެއިން މުދާ އެކްސްޕޯޓުކުރީ ޖަރުމަނުވިލާތަށެވެ.