ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 2000 އަށްވުރެ ގިނަ ވޭޕް އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން މިއަދު ބުނީ ވައިގެ މަގުން ސިއްރުން ރާއްޖެއަށް އެތެރެކުރަން އުޅުނު ވޭޕްގެ 2008 އައިޓަމް އެ ސާވިސް އިން އަތުލައިގެންފައިވާ ކަމަށެވެ.
އެ ތަކެތި އަތުލައިގަނެފައިވަނީ މިމަހުގެ 12 ވަނަ ދުވަހު ރާއްޖެއަށް އެތެރެކޮށްފައިވާ އެއާކާގޯ ޝިޕްމެންޓެއްގައި ވޭޕް ފޮރުވާފައި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
ދުންފަތް ކޮންޓްރޯލު ކުރުމާބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އިލެކްޓްރޯނިކް ސިނގިރޭޓާއި އެފަދަ ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އެފެއްދުންތައް ރާއްޖެއަށް އެތެރެކުރުމަކީ މަނާ ކަމެކެވެ.
ސިިނގިރޭޓް ބުއިން މުޅިން މަނާކޮށްފައިވާ ތަނެއްގައި، ދުންފަތުގެ އިސްތިއުމާލުކޮށްފި ނަމަ، އަދި އެ ތަނަކީ ވިޔަފާރިއެއް ނުވަތަ ހިދުމަތެއް ފޯރުކޯށްދޭ ތަނެއް ނަމަ، އެކަން ކުރި ފަރާތާއި، އެތަނެއްގެ ވެރިފަރާތް ނުވަތަ އެތަނެއް ހިންގާ ފަރާތް މި ގާނޫނުގައި ބުނާ ޖޫރިމަނާ ކުރުމުގެ އިތުރުން، އެތަނަކަށް ދޫކޮށްފައިވާ ވިޔަފާރިކުރުމުގެ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުމަށް ނުވަތަ ބާތިލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހެޅުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށްވެސް މިހާރު ގާނޫނުގައިވެއެވެ.
އެގޮތުން ކުރާ ޖޫރިމަނާގެ މިންވަރު 1000 ރުފިޔާ އާއި 1،000،000 ރުފިޔާއާ ހަމައަށް އަރާ ކަަމަށް ގާނޫނުގައިވެއެވެ.
ގާނޫނުގައިވާ ގޮތުން އިލެކްޓްރޯނިކް ސިނގިރޭޓް އަދި ވޭޕްކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެ ކުރުމަކީ މަނާކަމެކެވެ. ނަމަވެސް އެފަދަ ތަކެތި އެތެރެކޮށްފިނަމަ، 50،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށާއި، އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ، 20،000 ރުފިޔާއިން އިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި، އެގޮތުން ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ހިލޭ ބަހައިފި ނަމަ، 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކީ ނުވަތަ ހިލޭ ބެހީ ކުޑަކުއްޖަކަށް ނަމަ، އިތުރު 50،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި، އެފަދަ އުފެއްދުމެއް ރާއްޖޭގައި ބޭނުންކޮށްފި ނަމަ، 5،000 ރުފިޔާއިން އިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އެ ގާނޫނުގައި، ދުންފަތުގެ ބާވަތެއް ވިއްކޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުން 21 އަހަރަށް ބަދަލު ކުރުމަށްވެސް ވަނީ ހިމަނައިފައެވެ.
ދުންފަތުން ދުރުހެލިވުމަށް "ސެޓޭޝަން" ފަރުވާގެ ތެރެއިން ދެވޭ އަދި ކަމާބެހޭ ފަންނީ އިދާރާތަކުން ކަނޑައަޅައި ހުއްދަކޮށްފައިވާ ނިކޮޓިން ރިޕްލޭސްމަންޓް ތެރަޕީ ނުވަތަ ފަރުވާގެ ގޮތުގައި ބޭނުންކުރާ ބާވަތްތަކަކީ، ދުންފަތުގެ ބާވަތްތައް ކަމަށް ނުބެލުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.
ގާނޫނުގައިވާ ގޮތަށް ފުލުހުން މިހާރު ދަނީ ވޭޕް ވިއްކާ އަދި ބޭނުންކުރާ މީހުންނަށް ފިޔަވަޅު އަޅަމުންނެވެ. އެގޮތުން މިދިޔަ މަހުގެ ކުރީކޮޅުގައި ފުލުހުން ނެރުނު ތަފާސް ހިސާބުން ދައްކާގޮތުގައި ވޭޕް ޖޫރިމަނާގެ ގޮތުގައި ޖެނުއަރީ މަހުގެ ނިޔަލަށް 130،500 ރުފިޔާ ވަނީ ހޯދައިފައެވެ.