ހުޅުމާލެ ފޭސް 2ގައި މިއަދު ހެނދުނު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ސީރިޔަސް އަނިޔާތަކެއް ވެއްޖެއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހެނދުނު 6:50 ގައި ހުޅުމާލެ ފޭސް 2ގައި ދުއްވި ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިންގާފައިވާ ކަމަށެވެ. ސައިކަލް ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށާއި އޭނާ އަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށްވެސް ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި ސައިކަލު ދުއްވަން އިން މީހާ ކޮންޓްރޯލުން ނައްޓައިގެން ގޮސް އަރާފައިވަނީ ފާރަކަށެވެ. އޭނާގެ ބޯ ފާރުގައި ޖެހި، ފާރާއި ބިންމަތީގައި ގިނަ އަދަދެއްގެ ލޭވެސް ހުއްޓެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު ވެސް ހުޅުމާލޭގައި ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ޒުވާނަކު ވަނީ މަރުވެފައެވެ. އަދި މިދިޔަ ޖުލައި 31 ވަނަ ދުވަހު ވެސް ސްޕޯޓްސް ކާރަކުން މީހެއްގެ ގައިގައި ޖެހި މީހަކަށް ބޮޑެތި އަނިޔާތަކެއްވިއެވެ. މި ދެ މައްސަލައިގައި ކާރު ދުއްވަން އިން މީހާ ވަނީ ހައްޔަރުކޮށްފައެވެ.