ޚަބަރު

އިންސްޕެކްޓަރު އޮފް ކަރެކްޝަނަލް ސަރވިސްގެ މަގާމަށް އަހުމަދު މުހައްމަދުފުޅު އައްޔަން ކޮށްފި

މަރިޔަމް ޝަހުދާ

އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަގާމަށް ރ. ކަނދޮޅުދޫ، ރިހިތަޅާގޭ އަހުމަދު މުހައްމަދުފުޅު އައްޔަން ކޮށްފިއެވެ.

އަހުމަދު މި މަގާމަށް އައްޔަންކޮށްފައި ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް "ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު" ގެ ނުވަ ވަނަ މާއްދާގެ (ހ)ގެ ދަށުން ލިބިދޭ ބާރުގެ ދަށުންނެވެ.

އޭނާ މި މަގާމަށް އައްޔަންކޮށްފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު އިބްރާހީމް ދީދީ މަގާމުން އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ. އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އަކީ ޖަލުތަކުގެ ހާލަތާއި އެތަންތަނުގައި ކަން ހިނގާގޮތް ބަލައި ހޯމް މިނިސްޓަރަށް އެކަންކަން ރިޕޯޓު ކުރުމަށް އައްޔަންކުރާ މީހެއް ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިއަދު އެ މަގާމަށް އައްޔަން ކުރި އަހުމަދަކީ ޕޮލިޓިކަލް ސައިންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް އިން ޑިގްރީ ހާސިލްކޮށްފައިވާ މީހެކެވެ. އަދި ސޯޝަލް ޕޮލިސީ ދާއިރާއިން އަހުމަދު ވަނީ މާސްޓާރސް ހާސިލްކޮށްފައެވެ. އެންމެފަހުން މުހައްމަދު ވަޒީފާ އަދާކޮށްފައިވަނީ ހިޔުމަންރައިޓްސް ކޮމިޝަންގައެވެ. ހިޔުމަންރައިޓްސް ކޮމިޝަންގައި އޭނާ އަދާކޮށްފައިވަނީ އެކޮމިޝަންގެ ޑިރެކްޓަރ އޮފް ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ މަގާމެވެ. އަދި އޭގެ ކުރިން ޖަލުތައް އޮޑިޓް ކުރުމަށް އެކުލަވައިލެއްވި ކޮމިޝަންގެ މެންބަރުކަންވެސް އަހުމަދު އަދާކޮށްފައިވެއެވެ.