އިބްރާހިމް ޒަކީ
ގާނޫނީ ލިޔެކިޔުންތަކާއި ސެޓްފިކެޓްތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް، ޖަހަންޖެހޭ އަސްލާ އެއްގޮތް ތައްގަނޑު ރަސްމީ އިދާރާތަކާއި ރަޖިސްޓްރީ ކޮށްފައިވާ ކިޔަވައިދޭ ތަންތަނުން ޖަހައިދެވޭ ގޮތް ހަދައިފިއެވެ.
މީގެ ކުރިން ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު އޮންނަ ގޮތުން އެފަދަ ތައްގަނޑު ޖަހައިދެވޭނީ އެ ގާނޫނުގެ ދަށުން ބާ ކައުންސިލުން ހަދާ ގަވާއިދުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ ގާނޫނީ ވަކީލުންނަށާއި ބޭރު ގައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުންނެވެ.
ނަމަވެސް އެކަން ބަދަލުކޮށް، ހުސްވި މަހުގެ 22 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނެސްފައެވެ. އެ ބިލް މިދިޔަ އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައި، ގެޒެޓް ކުރެއްވުމާއި ގުޅިގެން އެ އިސްލާހަށް ވަނީ އަމަލުކުރަން ފަށައިފައެވެ.
އެ އިސްލާހުގައިވާ ގޮތުން، ރަސްމީ އިދާރާތަކުންނާއި ރަޖިސްޓްރީ ކޮށްފައިވާ ކިޔަވައިދޭ މަރުކަޒުތަކުން އެ ތަންތަނުން ދޫކޮށްފައިވާ ލިޔުމެއްގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހޭނެއެވެ. އަދި ދިވެހިންނަށް ދޫކޮށްފައިވާ ރަސްމީ ލިޔުންތައް ނުވަތަ ތައުލީމީ ސަނަދުތައް ބޭރު ގައުމުތަކުގައި ބޭނުންކުރުމަށްޓަކައި، އެފަދަ ގައުމުތަކުގައި ހުންނަ ދިވެހި ޑިޕްލޮމެޓިކް މިޝަންތަކުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދެވޭނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.
ގާނޫނީ ފަންނުގެ ގާނޫނު ބުނާ ގޮތުން، އެ ގާނޫނުގެ ދަށުން ހުއްދަ ލިބިގެން ނޫން ގޮތަކަށް ޕަބްލިކް ނޯޓަރީއެއްގެ މަސައްކަތްކުރުމާއި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ މަސައްކަތްކުރުމާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ޕަބްލިކް ނޯޓަރީއެއް އަމަލުކުރަންޖެހޭ މައިގަނޑު އުސޫލާ ހިލާފަށް އަމަލުކޮށްފި ފަރާތެއް 25,000 ރުފިޔާއާއި 300,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.