ޚަބަރު

އެމްބަސީތައް ކައިރިއަށް އެއްނުވާން ޝަރުތުކޮށް ޝާދިޔާ އާއި ޑރ. ޝަޒްރާ ދޫކޮށްލައިފި

1

ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލަވައި ވަކި ސަފީރަކަށް އުދަނގޫކުރުމުގެ އަމަލުތައް ހިންގަމުންދާ ކަމަށް ބުނެ ހައްޔަރުކުރި ދެ އަންހެނުންގެ ޝަރުތުތަކާއެކު ދޫކޮށްލައިފިއެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ މ. ބަޑިކުޅިމާގެ/ އާއިޝަތު ޝާދިޔާ (47އ) އަދި ގދ. ރަތަފަންދޫ/ ލިލީގެ، ޑރ. ޝަދުރާ އިބްރާހިމް (36) އެވެ. އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުން ބުނާ ގޮތުން ކޯޓު އަމުރެއްގެ ދަށުންނެވެ.

އެ ދެ އަންހެނުންނަކީ ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް މެދުކެނޑުމެއް ނެތި އިހުތިޖާޖުކޮށް އަޑު އުފުލަމުންދާ ދެ އަންހެނުންނެވެ. އޭގެ ތެރެއިން ޝާދިޔާއަކީ ޝައިހް ޑރ. މުހައްމަދު އިޔާޒްގެ އަނބިކަނބަލުންނެވެ.

ފުލުހުން އެ މީހުންނަށް ކުރާ ތުހުމަތަކީ ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް، ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭލަވައި، ބޭއަދަބީ ބަހުން މުއާމަލާތް ކުރުމުގެ އިތުރުން ޑިޕްލޮމެޓިކް މިޝަންތަކުގެ މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތަށް ކަންކަން ކުރުމެވެ.

އޭގެ އިތުރުން ވަކި ސަފީރަކަށް އުނދަގޫކުރުމުގެ އަމަލުތަކެއް ހިންގަމުން ގެންދިއުމާއި އެކަމާ ގުޅިގެން ސުލްހަވެރިކަމާ އެކު އެ ސަރަހައްދުން ދިއުމަށް ފުލުހުން އެންގުމުން، އެކަމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަތުވެސް ކުރެއެވެ.

ނަމަވެސް, ފުލުހުން އެ ދެ އަންހެނުން އުނދަގޫ ކުރީ ކޮން ސަފީރަކަށް ކަމެއް އަދި ކޮން ޑިޕްލޮމެޓިކް މިޝަންތަކަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ، އެ މީހުން ހައްޔަރުކުރުމުގެ ކުރިން އެފަދަ އަމަލުތައް ނުކުރުމަށް ތަކުރާރުކޮށް އެދިފައިވާނެ ކަމަށެވެ.

ފުލުހުން މިއަދު ބުނީ، އެ ދެ މީހުންގެ ބަންދު ތިން ވަނަ ފަހަރަށް އިތުރަން ކޯޓަށް ހާޒިރުކުރުމުން ޝަތުރުތަކާއެކު ދޫކޮށްލާފައިވާ ކަމަށެވެ.

ޑރ. އިޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާގެ އަނބިކަނބަލުންނާއި ޑރ. ޝަދުރާ ދޫކޮށްލީ، އެމްބަސީތަކުގެ 50 ފޫޓަށްވުރެ ކައިރި ނުވެ ހިޔާލު ފާޅުކުރަން އެއްބަސްވުމުން ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟