ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކޮށްފައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތްކުރުމުން ހާލު ބޮޑުވެ ފަރުވާ ދެމުން ދަނިކޮށް މަރުވި އާދަމް އަތުހަރު 32އ. ގެ ޕޯސްޓްމޯޓަމް ހަދަން މިއަދު އިންޑިއާއަށް ފޮނުވައިފިއެވެ.
ފުލުހުން މިއަދު ބުނީ އަތުހަރުގެ ހަށިގަނޑު އިންޑިއާއަށް ގެންދިޔައީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށާއި މާދަމާ ޕޯސްޓްމޯޓަމް ހަދާނެ ކަމަށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އަތުހަރު ދަން ޖެހިފައި ހުއްޓައި ފެނުނީ މިދިޔަ ހޯމަ ދުވަހުގެ ރޭ 7:02 ގައެވެ. އަދި އޭނާ އައިޖީއެމްއެޗަށް ގެނައީ އޭގެ 23 މިނެޓު ފަހުން ކަމަށް ބުނެފައިވެއެވެ.
އަތުހަރު މަރުވީ މިދިޔަ އަންގާރަ ދުވަހުގެ 16:08 ހާއިރުއެވެ.
އަތުހަރުގެ މަރާ ގުޅިގެން ހޯންލޭންޑް މިނިސްޓްރީން އިސްކަންދަރު ކޮށީގައި ބޭއްވި ނުރަސްމީ ބައްދަލުވުމެއްގައި ވަނީ އަތުހަރު ގޮޅީގައި ދަންޖެހޭތަން ފެންނަ ސީސީޓީވީ ފުޓޭޖެއް ނޫސްވެރިންނަށް ދައްކާލައިފައެވެ.
ދަން ޖެހިފައި ހުއްޓައި ފުލުހުންނަށް ފެނުނީ ސީސީޓީވީ އިންނެވެ. އަދި އެ ވީޑިއޯ އިން ފެންނަ ގޮތުގައި، އޭނާ ދަންޖެހިފައި ހުއްޓައި އޮފިސަރުންނަށް ފެނުނީ 30 ވަރަކަށް މިނެޓު ފަހުންނެވެ.
ކަރުގައި ވަޅި ޖައްސައިގެން އަތުހަރު ރަހީނު ކުރީ އޭނާގެ ލޯބިވެރިޔާއެވެ. އަތުހަރު މަސައްކަތް ކުރީ އަންހެންމީހާގެ ކަރުގައި ވަޅި ޖައްސައިގެން އޭނާ މަގުމައްޗަށް ނެރެ ސައިކަލަށް އަރުވައިގެން ފިލުމަށެވެ. ރަހީނު ކުރުމުން، އަންހެން މީހާ ސަލާމަތްކުރަން ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން އަންހެންމީހާ ދުއްވަން އިން ސައިކަލު މަޑުކޮށްލި ދަނޑިވަޅު ބަލައި ފުލުހަކު އޭނާއަށް މުގުރުން ހަމަލާދިނުމުން އަނިޔާވިއެވެ.
މުގުރުން އޭނާގެ ބޮލުގައި ޖެހުމުގެ ސަބަބުން ބޮލަށް ވަނީ އަނިޔާވެފައެވެ. އެހެންވެ އޭނާއަށް ފަރުވާދިނުމަށް އޭޑީކޭއަށް ގެންދިޔައެވެ. ފަރުވާއަށްފަހު ދޫކޮށްލުމުން ފުލުހުން ވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އޭނާގެ ހާލު ސީރިއަސްވެ ހޮޑުލާތީ ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފައެވެ. އައިޖީއެމްއެޗުން އޭނާ ދޫކޮށްލުމުން ފުލުހުން ވަނީ އަތުހަރު ހައްޔަރުކޮށްފައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި، އަތުހަރާއި އޭނާގެ ލޯބިވެރިޔާއާ ދެމެދު ޖެހުނީ ފައިސާގެ މައްސަލަތަކެކެވެ. މައުލޫމާތު ލިބޭ ގޮތުގައި އަތުހަރަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެކެވެ. އަދި ބައެއް ކުށްތަކުގެ ރެކޯޑު އޭނާގެ އޮވެއެވެ.
އެ އަންހެން މީހާ ރަހީނުކޮށްގެން ގެންގުޅޭ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯ އިން ފެންނަނި ފިރިހެނަކު އަންހެނެއްގެ މޫނުމަތީގައި އަތް އަޅައި، ހިފަހައްޓައިގެން ހުންނަ މަންޒަރެވެ. އެ ގޭގެ ދޮރު ކައިރީގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރުވެސް ފެނެއެވެ.
އެހެން ވީޑިއޯއެއްގައި ފެންނަނީ އެ ފިރިހެން މީހާ، އަންހެން މީހާ ސައިކަލެއްގެ ކުރިއަށް އަރުވައިގެން އެ ސަރަހައްދުން ދާ މަންޒަރެވެ. އޭރު އެތަނުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުން ދިޔައެވެ.
އިތުރު ވީޑިއޯއަކުން ފެންނަ ގޮތުގައި ފުލުހުން، އަންހެން މީހާ ސަލާމަތްކުރީ ސައިކަލުގައި މަޑުކޮށްގެން އިންދައި ފިރިހެން މީހާގެ ބޮލުގައި މުގުރުން ޖެހުމަށްފަހުއެވެ. އެ ވަގުތު ދެ މީހުން ސައިކަލާއެކު ބިންމައްޗަށް ވެއްޓޭތަންވެސް ފެނެއެވެ.