ގައުމިއްޔަތުގެ ދިރާސާތައް ހެދުމަށް ސަރުކާރުން އުފައްދަން ނިންމި ހާއްސަ ކޮލެޖް، "ދިވެހި ގައުމިއްޔަތުގެ އިސްވަރު" އިފުތިތާހުކޮފިއެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި "އިސްވަރު" އިފުތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
"ދިވެހި ގައުމިއްޔަތުގެ އިސްވަރު" އުފެއްދީ ދިވެހި ގައުމިއްޔަތު ދިރުވައި އާލާކޮށް، ދިވެހިންގެ ހިތްތަކުގައި ގައުމާއި ގައުމިއްޔަތަށް އޮތް ލޯބި އިތުރުކުރުމުގެ މަގުސަދުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުންނެވެ.
މިއަދުގެ ޖަލްސާގައި އެ ކޮލެޖާ ގުޅޭ ގޮތުން ހުށަހެޅި ޕްރެޒެންޓޭޝަންގައި ބުނި ގޮތުގައި، އެއީ ރައީސް މުއިއްޒު އެކުލަވާލައްވާފައިވާ ދިވެހި ގައުމިއްޔަތު އިޔާދަކުރުމުގެ ގައުމީ ނިޒާމުގެ އެންމެ މުހިންމު އެއް ގުނަވަނެވެ.
'އިސްވަރު' އެކުލެވިގެންވަނީ މައިގަނޑު ފަސް ދާއިރާއެއްގެ މައްޗަށެވެ. އެއީ ދިވެހި ބަސްގެ ވަރު، ދިވެހި ތާރީހުގެ ވަރު، ދިވެހި ތަރިކައިގެ ވަރު، ދިވެހި ސުމޭކުގެ ވަރު އަދި ދިވެހި ފަންނުގެ ވަރެވެ.
އެ އިން ކޮންމެ ދާއިރާއަކަށް މިއަދުގެ ޖަލްސާގައި ރައީސް ވަނީ އިސް ބޭފުޅުން އައްޔަންކުރައްވައިފަ އެވެ. އެ ބޭފުޅުންނަކީ މި ކޮލެޖުގެ ކައުންސިލްގައި ތިއްބަވާނެ ފަސް ބޭފުޅުންނެވެ. އެއީ:
ޖަލްސާގައި ދިވެހި ބަހާއި ތަރިކައާ ގުޅޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވި "ވަރު" އަކީ ގައުމީ ދުވަހުގެ ބަތަލު ރާއްޖެ މިނިވަންކުރުމަށް ފަހު، ކަންކަން ބެލެހެއްޓުމަށް އުފެއްދި ގްރޫޕްތަކަށް ކިޔާ އުޅުނު ނަމެއް ކަމަށެވެ. އެ ކޮލެޖަށް "އިސްވަރު" ކިޔަން ނިންމެވީ އެހެންވެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގައުމިއްޔަތަށް ހާއްސަ ކޮލެޖް ހިމެނޭ ގޮތަށް ގައުމިއްޔަތު ދިރުވުމަށްޓަކައި ތިން އިދާރާއެއް އުފެއްދެވުމަށް ރައީސް މުއިއްޒު ނިންމަވާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުއެވެ.