ޚަބަރު

މެރިޓައިމްގެ ހިދުމަތްތަކާ ގުޅޭ ހާއްސަ ވެބްސައިޓެއް ލޯންޗްކޮށްފި

ފާތިމަތު ލިޔުޝާ

ރާއްޖޭގެ އުތުރުގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ ހިދުމަތްތަކާ ގުޅޭ ހާއްސަ ވެބްސައިޓް، އުތުރު މެރިޓައިމް ސާވިސަސް (ޔޫއެމްއެސް) ވެބްސައިޓް މިއަދު ލޯންޗްކޮށްފިއެވެ.

އެމްޕީއެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ވެބްސައިޓް އިފްތިތާހުކޮށްދެއްވީ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމްއެވެ.

އުތުރު މެރިޓައިމް ސާވިސްއަކީ އެސްޓީއޯއިން ފަށާ ބަންކަރިންގެ ހިދުމަތާއެކު އުތުރުގައި އިތުރަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތު ފަސޭހަކަމާ އެކު ފޯރުކޮށްދިނުމަށް އުފެއްދި ވެބްސައިޓެކެވެ.

އެ ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާޒު އިބްރާހިމް ވިދާޅުވީ އުތުރުގައި ބަންކަރިންގެ ހިދުމަތް މި މަހުގެ މެދުތެރޭގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށާއި ބައެއް ހިދުމަތް ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"ބަންކަރިން ހިދުމަތަކީ ރައީސުލްޖުމްހޫރިޔާގެ އިކޮނޮމިކް ޑައިވަސިފިކޭޝަންގެ ވަރަށް މުހިންމު ޕްރޮޖެކްޓެއް. ބޭރު ފައިސާ ރާއްޖެ ގެނައުމާއި ރާއްޖޭގެ ޗާޓުގައި ހިމެނިފައިވާ އެއް ޑިގްރީ ޗެނަލްގައި 100 ވުރެ ގިނަ ވެސަލްތައް ދަތުރުކުރަމުން ގެންދޭ. އަމާޒަކީ ވިޓޯލްޖީ އިންޓާނޭޝަނަލް އާއެކު ޕާޓްނަޝީޕް ހެދުން،" ޝިމާޒު ވިދާޅުވިއެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން މި ގައުމަކީ މެރިޓައިމް ދައިރާއިން އެންމެ ބޮޑު ނަފާއެއް ހޯދޭނެ އެއް ގައުމު ކަމަށެވެ. އަދި ބަންކަރިންގެ ހިދުމަތް އެ ސަރަހައްދުން ދޭއިރު ތެލުގެ ހިދުމަތުގެ އިތުރުން ގިނަ ކަންކަން ކުރާނެ ކަމަށެވެ.

އޭގެތެރޭގައި މެރިޓައިމް ހަބެއްގައި ލިބެންޖެހޭ ހުރިހާ ހިދުމަތްތައް އެ ސަރަހައްދުން ލިބެން ހުންނާނެ ކަމަށާއި އެ ހިދުމަތްތައް ހޯދުމައް ގިނަ ބަޔަކު އެ ސަރަހައްދަަށް އަންނާނެ ކަމަށް ވެސް ވަޖީހު ވިދާޅުވިއެވެ.

އެ ހިދުމަތަކީ 24 ގަޑިއިރު ދޭނެ ހިދުމަތަކަށް ވުމުން އެމްޕީއެލްއިން ބަލާނީ ކަސްޓަމަރުން ބޭނުންވާ ފެންވަރެއްގެ ހިދުމަތްތަކެއް ދިނުމަށް ކަމަށާއި އެ ހިދުމަތުގެ މަސައްކަތުގެ މާހައުލު ވެސް 24 ގަޑިއިރު ހުޅުވިފައި ހުންނާނެ ކަމަށް ވަޖީހު ވިދާޅުވިއެވެ.

"ޝިޕް ޓު ޝިޕް. ކާގޯ ފަދަ އެއްޗެހި ޓްރާންފާ ކުރުން. ސްޕިޑް ބޯޓު އަދި ލޯންޗުގެ ހިދުމަތް ސަޕްލައި ޕްރޮވިޝަންސް. އެ އޭރިއާއިން ދަތުރުކުރާ ބޯޓުތައް ޝޯޓު ވެގެން އެއްވެސް އެއްޗެއް ސަޕްލައިގެ ގޮތުގައި ބޭނުންވެއްޖެ ކަމުގައި ވަނީ ނަމަ އެމްޕީއެލް ބޭނުންވާނެ އެކަންވެސް ކޮށްދޭން. ބޯޓު ފަހަރަށް ބޭނުންވާ އަޑީތެލުގެ ބާވަތްތައް. ޔޮޓް ޑޮކިން. ޔޮޓް ފަހަރަށް ބޭނުންވާ ހުރިހާ ހިދުމަތްތަކެއްވެސް ގާއިމްކޮށްދޭނެ،" ވަޖީހު ވިދާޅުވިއެވެ.

ވަޖީހު އިތުރަށް ވިދާޅުވީ ހއ. އުލިގަމުގައި އެމްޕީއެލްގެ އޮފީހެއް ގާއިމުކޮށް މިއަދު ހުޅުވާފައިވާ ކަމަށާއި އެ އޮފީހުގައި މިހާރު ވެސް 10 މުވައްޒަފުން ހަރަކާތްތެރުވާ ކަމަށެވެ. އޭގެ އިތުރުން ލޯންޗު ފަހަރަށާއި ސްޕީޑު ބޯޓާއި ޕައިލެޓް ބޯޓަށް ވެސް މަދުވެގެން 40 މުވައްޒަފުން ބޭނުންވާނެ ކަމަށް ވަޖީހު ވިދާޅުވިއެވެ.