މޫސުން ގޯސްވުމުގެ ސަބަބުން ހުވަދު އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ އިދާރާއިން މިއަދު ހެނދުނު ހުވަދު އަތޮޅަށް ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 8:35 އިން ފެށީގެން މެންދުރު 13:00 އާއި ހަމައަށެވެ. މެޓް އޮފީހުން ވަނީ މިގަޑީގައި ހުވަދު އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައެވެ.
މެޓް އޮފީހުން މޫސުމާ ގުޅޭ އެލާޓް ނެރެނީ ހަތަރު ލެވަލްއަކަށެވެ. އެއީ ވައިޓް އެލާޓް، ޔެލޯ އެލާޓް، ރެޑް އެލާޓް އަދި ގްރީން އެލާޓް އެވެ.
ވައިޓް އެލާޓަކީ މޫސުން ގޯސްވުމުގެ ސަބަބުން ނުރައްކަލެއް ކުރިމަތިނުވި ކަމުގައި ވިޔަސް، މޫސުން ގޯސްވާކަން އެންގުމުގެ ގޮތުން ނެރޭ އެލާޓެކެވެ. ޔެލޯ އެލާޓް އަކީ މޫސުން ގޯސްވުމުގެ ސަބަބުން ގެއްލުމެއް ވެދާނެކަމަށް ތައްޔާރުވުމަށް ލަފާދީ ނެރޭ އެލާޓް އެކެވެ. ޔެލޯ އެލާޓް ނެރެފައިވަނިކޮށް ކަނޑުދަތުރު ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. ރެޑް އެލާޓް ނެރުމާއެކު އެ ސަރަހައްދަކުން ވީ އެންމެ އަވަހަކަށް ރައްކާތެރި ސަރަހައްދުތަކަށް މީހުން ގެންދަން ޖެހެއެވެ. އަދި ރެޑް އެލާޓް ނެރެފައި އޮއްވައި ކަނޑު ދަތުރު ކުރުމަކީ މަނާ ކަމެކެވެ. ގްރީން އެލާޓް އަކީ މޫސުން ރަނގަޅުވުމުން ކުރިން ނެރުނު އެހެން އެލާޓްތައް ކެންސަލް ކުރަން ނެރޭ އެލާޓެކެވެ.