ޚަބަރު

މޫސުން ވަރަށް ގޯސް، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އޮރެންޖު އެލާޓް

މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އޮރެންޖު އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅުގެ ރަށްތަކަށް އޮރެންޖު އެލާޓް ނެރެފައެވެ. އެއީ މިރޭ 9:45 އިން ފެށިގެން މެންދަމު 12:00 އާ ހަމައަށެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި، އެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެއެވެ.

އޭގެ ކުރިން މެޓް އޮފީހުން ވަނީ މިރޭ، ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދުގެ ރަށްތަކަށް ރީނދޫ އެލާޓް ނެރެފައެވެ. އެއީ މިރޭ 9:00 އިން ފެށިގެން ދަންވަރު 1:00 އާ ހަމައަށެވެ.

މިއަދު އިރުއޮއްސުނު އިރުން ފެށިގެން މާލެއަށް ދަނީ ހުއްޓުމެއް ނެތި ވާރޭ ވެހެމުންނެވެ. އެކަމާ ގުޅިގެން މާލޭގެ ބޮޑެތި މަގުތަކެއް ހިމެނޭ ގޮތަށް ގިނަ މަގުތަކެއްގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ.

އެމްއެންޑީއެފުން މިރޭ ބުނީ ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ފެންހިންދުމުގައާއި ވެލި ބަސްތާ ޖެހުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެ މަސައްކަތާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު، މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެސް ވިދާޅުވީ ބޯކޮށް ވާރޭވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ކަމާބެހޭ މުއައްސަސާތައް ގުޅިގެން ފެން ހިންދުމުގެ މަސައްކަތާއި ވެލި ބަސްތާތައް ޖެހުމުގެ މަަަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށާއި ރައްޔިތުންގެ ހާލު ގާތުން ބަލައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަަަސައްކަތް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތައް ގުޅިގެން ހާއްސަ ސަމާލުކަމަކާއެކު ކުރިއަށް ގެންދަމުންދާ ކަމަށް ހީނާ ވިދާޅުވިއެވެ.