ޚަބަރު

ރައީސް ޔާމީނާއި ޕީޕީއެމް އަދި ޕީއެންސީގެ އިސްވެރިންނާއެކު ޖަމީލް، ތަރާވީހެއްގައި ބައިވެރިވެވަޑައިގެންފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި ޕީޕީއެމް އަދި ޕީއެންސީގެ އިސްވެރިންނާއެކު ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު، ތަރާވީހެއްގައި ބައިވެރިވެވަޑައިގަންނަވައިފިއެވެ.

ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ތަރާވީހުގައި ޖަމީލް ބައިވެރިވެވަޑައިގެންފައިވަނީ އެމަނިކުފާނަށް ދައުވަތު ދެއްވުމުންނެވެ. ރައީސް ޔާމީނާއި ޖަމީލުގެ އިތުރުން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން ވެސް އެ ތަރާވީހުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ޕީއެންސީގެ ނައިބު ރައީސް އަހްމަދު ނިހާން ހުސައިން މަނިކު ވަނީ ޕީޕީއެމްގެ އޮފީސް ތެރޭގައި ޖަމީލާއެކު ނެންގެވި ފޮޓޯއެއް ޓުވީޓު ކުރައްވައިފައެވެ. އެ ފޮޓޯއާއެކު ނިހާން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޖަމީލަކީ ސިޔާސީ ގޮތުން ވަރަށް ވަރުގަދަ ބޭފުޅެއް ކަމަށެވެ.

ރައީސް ޔާމީނާއި ޕީޕީއެމް އަދި ޕީއެންސީގެ ބޭފުޅުންނާއެކު ތަރާވީހެއްގައި ޖަމީލް ބައިވެރިވެވަޑައިގެންނެވި އިރު، ޖަމީލު ޕީޕީއެމްގެ ލީޑާޝިޕާ ގުޅިވަޑައިގެންނެވުމުގެ ރުހުން އެ ޕާޓީގެ ކައުންސިލުން ވަނީ ދީފައެވެ. ޖަމީލުގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް އެ ޕާޓީގެ ލީޑާޝިޕާ ގުޅިވަޑައިގެންނެވުމުގެ ރުހުން ވަނީ ދީފައެވެ. އޭގެ ތެރެއިން ޖަމީލަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރެކެވެ.

ޖަމީލަކީ ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސެވެ. ނަމަވެސް ވެރިކަން ވައްޓާލަން އުޅުނުކަމަށް ތުހުމަތުކުރައްވައި، 21 ޖުލައި 2015ގައި އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، ޖަމީލް ވަނީ ނައިބު ރައީސްކަމުގެ މަގާމުން ވަކިކޮށްފައެވެ. އެއަށްފަހު ޖަމީލު މަސައްކަތްކުރެއްވީ ރައީސް ޔާމީނާ ދެކޮޅަށެވެ.

ތިން އަހަރެއްހާ ދުވަހު އިނގިރޭސިވިލާތުގައި އުޅުއްވުމަށްފަހު ޖަމީލް އެނބުރި ރާއްޖެ ވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމާއެކުއެވެ.