ޚަބަރު

ގަވާއިދާ ހިލާފު ބިދޭސީން އުފުލާ ބޯޓުތަކުގެ ކެޕްޓަނުންނަށް ފިޔަވަޅު އަޅަނީ

ފާތިމަތު ލިޔުޝާ

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އުފުލާ ބޯޓުތަކުގެ ކެޕްޓަނުންނަށް އިމިގްރޭޝަނުން ފިޔަވަޅު އަޅަން ނިންމައިފިއެވެ.

އިމިގްރޭޝަންގެ އެކްސްގައި ރޭ ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މާލެ ދޫކޮށް ރާއްޖޭގެ އެކި ރަށްރަށަށް ދާކަމުގެ ރިޕޯޓު ލިބެމުންދާ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ އެ ކަމާ ގުޅިގެން، އިއްޔެ ލިބުނު މައުލޫމާތަކާ އެކު ކުޅުދުއްފުއްޓަށް ދިޔަ ބޯޓެއްގައި ތިބި ބިދޭސީން ބަލައި ފާސްކުރި ކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދިޔައީ ކުޅުދުއްފުށި ސިޓީ ކައުންސިލް، ޕޮލިސް އަދި އިމިގްރޭޝަން ގުޅިގެން ކަމަށެވެ.

އިމިގްރޭޝަނުން ބަލައި ފާސްކުރި ބޯޓުގައި ދަތުރުކުރި ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ ނުވަ ބިދޭސީންނަށް ނޯޓިސްދީ އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށާއި އަދި ބޯޓުގެ ކެޕްޓަނަށް ލިޔުމުން ނަސޭހަތް ދީފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

"އެންގުމާ އެއްގޮތަށް އަމަލުނުކޮށްފިނަމަ އިމިގްރޭޝަން ގާނޫނުގެ ދަށުން މިފަރާތްތަކާ މެދު ފިޔަވަޅު އެޅިގެންދާނެ،" އިމިގްރޭޝަނުން ބުންޏެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި އެ މީހުން ޑީޕޯޓްކުރުމަށް އިމިގްރޭޝަނުން އަންނަނީ ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ. އެ މީހުން ހޯދަން ހާއްސަ އޮޕަރޭޝަންތައް މާލޭގައި ކުރިއަށް ގެންދަމުންދާތީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދަނީ އަތޮޅުގެ ރަށްތަކަށް ދާން މަސައްކަތް ކުރަމުންނެވެ.

އިމިގްރޭޝަން ގާނޫނުގައިވާ ގޮތުން ރާއްޖެ އަންނަ އުޅަނދުތަކަށް އިމިގްރޭޝަންގެ އޮފިސަރުން އަރައި އޭގައި އެވަގުތަކު ތިބި ފަޅުވެރިންނާއި ފަސިންޖަރުންގެ ލިސްޓާއި އެ މީހުންނަކީ ކޮން ބައެއްކަން އަންގައިދޭ ރަސްމީ ލިޔުންތައް ހުށަހަޅަން ޖެހޭނެއެވެ.

ކަނޑުމަގުން ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހަކު ހުރިތޯ ބެލުމަށްޓަކައި، އެ އުޅަނދު ބަލައި ފާސްކުރުމަށް އިމިގްރޭޝަން އޮފިސަރަކު އެދިއްޖެ ނަމަ، އެ އުޅަނދުގެ ކެޕްޓަން އެކަން ހަމަޖައްސައިދޭންވާނެ ކަމަށްވެސް އިމިގްރޭޝަންގެ ގަވައިދުގައިވެއެވެ.