އިބްރާހިމް ޒަކީ
ސްޓޭޓް ޓްރޭޑީން އޮގަނައިޒޭޝަން (އެސްޓީއޯ) އަށް 1.5 މިލިއަން ރުފިޔާ ދައްކަން، ފުޓްބޯޅަ އެއޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ، އެފްއޭއެމް އިން ކުރިއަށް ގެންދާ "ދިވެހި ލީގު" ގެ ބައެއްގެ ގޮތުގައި ރާއްޖޭގެ ދެކުނުގެ ސަރަހައްދުގައި "އެސްޓީއޯ ސައުތުލީގް" ގެ ނަމުގައި ފުޓް ބޯޅާ މުބާރާތެއް ބޭއްވުމަށް އެފްއޭއެމް އާއި އެސްޓީއޯއާ ދެމެދު 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހު ވެފައިވާ އެއްބަސް ވުމުގެ ދަށުން ފުޓްކޯޅަ މުބާރާތް ރާވައި އިންތިޒާމުކޮށް ހިންގުމަށް ސްޕޮންސާޝިޕް ފީގެ ގޮތުގައި އެސްޓީއޯ އިން އެފްއޭއެމްއަށް 1.5 މިލިޔަން ރުފިޔާ ދައްކާފައިވަނިކޮށް އެ އެއްބަސްވުމާ އެފްއޭއެމް އިން ހިލާފުވެފައިވާ މައްސަލައެކެވެ.
އެފްއޭއިން އެއްބަސްވުމާ ހިލާފުވެފައި ވަނީ، ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސް ވުމާ އެއްގޮތަށް މުބާރާތް އިންތިޒާމުކޮށް ބާއްވާފައި ނުވާތީއެވެ.
އެހެންކަމުން އެފްއޭއެމް އިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި، އެސްޓީއޯއިން ސްޕޮންސާޝިޕް ފީގެ ގޮތުގައި ދައްކާފައިވާ 1.5 މިލިޔަން ރުފިޔާ އެފްއޭއެމްގެ ކިބައިން ހޯދުމަށް އެދި އެސްޓީއޯއިން ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.
މި ދައުވާގައި ބުނެފައި ވަނީ، އެ މުބާރާތް ފަށާނެ ކަމަށް އެއްބަސްވުމުގައި ބުނެފައިވާ، ހަތަރެއް ޑިސެމްބަރު 2022 ވަނަ ދުވަހު މުބާރާތް ފަށާފައި ނުވާތީ އެ މުބާރާތް ބޭއްވޭނެ ތާރީހެއް އަންގައި ދިނުމަށް ތަކުރާރުކޮށް އެފްއޭއެމްގައި އެސްޓީއޯއިން އެދިފައިވާ ކަމަށެވެ. ނަމަވެސް އެ އެއްވެސް ކަމަކަށް އެފްއޭއެމުން ޖަވާބުދީފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން އެސްޓީއޯއިން ހުށަހެޅި ހެކިތަކަށް ބަލައި، ދެ ފަރާތުގެ ދެމެދުގައިވާ އެއްބަސްވުމާ އެފްއޭއެމް އިން ހިލާފުވެފައިވާ ކަމަށާއި "އެސްޓީއޯ ސައުތުލީގް" ގެ ނަމުގައި ފުޓްބޯޅަ މުބާރާތް ބޭއްވުމަށް ސްޕޮންސާ ފީގެ ގޮތުގައި ދީފައިވާ 1.5 މިލިޔަން ރުފިޔާއަކީ އެސްޓީއޯއަށް އަނބުރާ ރައްދުކޮށްދޭން ޖެހޭ ފައިސާއެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.
އެހެންކަމުން އެ ފައިސާ އެސްޓީއޯއަށް ލިބި ދިނުމުގެ ގޮތުން މިމަހު 15 ގެ ކުރިން އެ ހުރިހާ ފައިސާއެއް ސިވިލްކޯޓަށް ދައްކައި ހަލާސް ކުރުމަށް އެފްއޭއެމްއަށް އަންގައި ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.