މި ސަރުކާރުގެ މުހިންމު ޕޮރޮޖެކްޓްތައް ފެށުމުން، ރާއްޖޭގެ އިގުތިސާދު ދުވަހަކުވެސް ކުރިއަރާފައި ނުވާ މިންވަރަށް ކުރިއަރާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލްގެ) ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ކާގޯ އެތެރެކޮށްފައިވާ މިންވަރު ދައްކައިދޭ ދެ ގުރާފާއެކު ވަޖީހު، ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ އިގުތިސާދަށް އަންނަމުންދާ ބަދަލުތައް، އެންމެ ރަނގަޅަށް ވަޒަން ކޮށްލެވޭނެ އެއް ކަމަކީ، ރާއްޖެ އަށް އެތެރެ ވަމުންދާ މުދަލުގެ އަދަދަށް އަންނަމުންދާ އުނި އިތުރުވުމަކުން ކަމަށެވެ.
އެގޮތުން ވަޖީހު ހިއްސާކުރައްވާފައިވާ ދެ ގުރާފުން ފެންނަ ގޮތުން ރާއްޖޭގެ ތާރީހަށް ބަލާއިރު މީގެ ކުރިން، ކޮންޓެނަރައިޒް ކާގޯ އެންމެ ގިނައިން ރާއްޖެއަށް އެތެރެ ކޮށްފައިވަނީ 2018 ވަނަ އަހަރެވެ. އެ އަހަރުގެ ކޮންމެ މަހެއްގައި އެވްރެޖުކޮށް 5250 ޓީއީޔޫއެސް ކޮންޓެއިނަރު އެތެރެކޮށްފައިވާ ކަމަށެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް އެވްރެޖުކޮށް މަހަކު 5375 ޓީއީޔޫއެސް ކޮންޓެއިނަރު އެތެރެކޮށްފައިވާ ކަމަށް ދައްކައެވެ.
ކޮންޓެނަރައިޒް ކާގޯގެ އިތުރުން މި އަހަރުގެ ކޮންމެ މަހަކު އެވްރެޖުކޮށް 12،625 ޓަނުގެ ޖެނެރަލް ކާގޯ އެތެރެކޮށްފައިވާ ކަމަށްވެސް އެ ގުރާފުން ދައްކައެވެ.
"ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެށިގެން މިވީ ކުޑަ ދުވަސް ކޮޅުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރެވިފައިވާ މުދަލުގެ އަދަދު ރާއްޖޭގެ ތާރީހުގައި ދުވަހަކުވެސް އިތުރު ނުވާ މިންވަރަށް އިތުރު ވެފައިވާ ކަމެވެ. މިއިން ދައްކައި ދެނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުމާއެކު ރާއްޖޭގެ އިގުތިސާދަށް ހެޔޮ ބަދަލު އަންނަން ފަށައި، އިގުތިސާދު ކުރިއަރަން ފަށާފައިވާ ކަމެވެ،" ވަޖީހު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި ސަރުކާރުގެ މުހިންމު ޕޮރޮޖެކްޓްތައް ފެށުމުން، ރާއްޖޭގެ އިގުތިސާދު ކުރިއެރުމުގެ އިތުރުން ރާއްޖޭގެ ރައްޔިތުންގެ ފުދުންތެރިކަން ވަރަށް ބޮޑަށް އިތުރުވެގެން ދާނެ ކަމަށެވެ.