ސަރުކާރުން ތަރައްގީކުރާ ކެންސަރު ހޮސްޕިޓަލަށް ތަކެއްޗާއި އެހީ ހޯދުމަށް އދ. ގެ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގައި ރާއްޖެއިން ބައިވެރިވުމަށް ނިންމައިފިއެވެ.
ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމަށްފަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އެ އެޖެންސީގައި ބައިވެރިވެފައިނުވާ ދެކުނު އޭޝިއާގެ ދެ ގައުމަކީ ހަމައެކަނި ރާއްޖެ އާއި ބޫޓާން ކަމަށެވެ.
"އަޅުގަނޑުމެން ނިންމި އަނެއް ނިންމުމަކީ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގައި ދިވެހިރާއްޖެ ބައިވެރިވުމަށްޓަކައި. މިއީ 29 ޖުލައި 1957 ގައި އުފެދިފައިވާ ޔޫއެންގެ އެޖެންސީއެއް. މިހާރު ދުނިޔޭގެ 178 ގައުމަކުން ބައިވެރިވެފައި އޮތް އެޖެންސީއެއް. އެކަމަކު މިހާ ހިސާބަށް ރާއްޖެއިން ބައިވެރިވެފައި ނުވޭ،" މިނިސްޓަރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ ކެންސަރު ހޮސްޕިޓަލާއެކު އައިއޭއީއޭގެ މުހިންމުކަން މިހާރު ބޮޑު ކަމަށާއި ކެންސަރު ހޮސްޕިޓަލުގެ އިތުރުން ރާއްޖޭގެ އެހެން ހޮސްޕިޓަލުތަކަށް ވެސް އައިއޭއީއޭގެ މުހިންމުކަން ބޮޑު ކަމަށެވެ.
"އެކަމަށްޓަކައި މި ޒަމާނުގެ މެޑިސިންގައި ވަރަށް ބޮޑަށް ބޭނުންވޭ އެޓޮމިކް އެޖެންސީގެ އެހީތެރިކަން. އެއީ މިކަމަށް ބޭނުންވާ ބައެއް ކަހަލަ އިކުއިޕްމަންޓް ހޯދުމާއި އަދި އޭގެ އިތުރުން ވޭސްޓް މެނޭޖުކުރުމާއި މިކަންކަމަކީ އަސްލުގައި ކުރިން ދެންނެވިހެން އައިއޭއީއޭގެ މެންޑޭޓުގެ ތެރޭގައި ހިމެނިފައި އޮތް ކަމެއް ވީމަ އެކަންކަން ކުރުމަށްޓަކައި ހެލްތު މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީއާ ގުޅިގެން އަޅުގަނޑުމެން ކުރަމުންދިޔަ މަސައްކަތެއް،" މިނިސްޓަރު ވިދާޅުވިއެވެ.
ޒަމީރު އިތުރަށް ވިދާޅުވީ އެ އެޖެންސީއާ ގުޅިގެން އިސްކޮށް މަސައްކަތްކުރާނީ ޑިފެންސް މިނިސްޓްރީގެ ފަރާތުން ކަމަށާއި ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ނިމުމުގެ ކުރިން އެ އެޖެންސީގައި ބައިވެރިވުމުގެ ހުރިހާ ކަމެއް ނިންމޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ދައުރު ނިމުމުގެ ކުރިން ކެންސަރަށް ފަރުވާދިނުމަށް ހާއްސަ ހޮސްޕިޓަލެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ކެންސަރު ހޮސްޕިޓަލެއް އަޅުއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ނަމަވެސް، އެ މަސައްކަތް ކުރިއަށްގެންދެވިފައެއް ނުވެއެވެ.