ޚަބަރު

ސިންގަޕޫރުގައި ރައީސްގެ ފޮޓޯ ނެގި މީހާގެ ފޯނު ހިފަހައްޓައި މައްސަލަ ތަހުގީގު ކުރަނީ

މުހައްމަދު އިޝާން

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުގެ ތެރެއިން ރައީސްގެ ދެކަނބަލުން އެ ގައުމުގެ ޝޮޕިން މޯލްއެއްގައި އުޅުއްވަނިކޮށް ފޮޓޯ ނެގި މީހާގެ ފޯނު ހިފަހައްޓައި މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން "ވަން" އަށް މިރޭ ބުނީ ރައީސްގެ ފޮޓޯ ނެގި މީހާގެ ފޯނު ހިފެހެއްޓީ ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒްވާ ގޮތަށް އަމަލުކޮށްފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަން ފަށައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ފޮޓޯއިން ފެންނަނީ ރައީސްގެ ދެކަނބަލުން ސިންގަޕޫރުގެ ޕެރަގަން މޯލްގެ ތެރޭގައި ހަރަކާތްތެރިވެވަޑައިގަންނަވާ މަންޒަރެވެ. އަދި ރައީސްގެ ސެކިއުރެޓީ ޓީމުން ކޮތަޅުތަކެއް ހިފައިގެން ތިއްބައި ވެސް ފެނެއެވެ. އެ ފޮޓޯ ސޯޝަލް މީޑިއާއަށް އާންމުކޮށްފައި ވަނީ ބުދަ ދުވަހުގެ ވަގުތެއްގައެވެ.

ރައީސްގެ އެ ފޮޓޯ ނެގި ކަމަށް ތުހުމަތުވާ މީހާގެ ފޯނު ފުލުހުން ހިފެހެއްޓީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި އޭނާ ސިންގަޕޫރުން ރާއްޖެ އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހުއްޓައެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެނބުރި ރާއްޖެ ވަޑައިގެންނެވީ ބުރާސްފަތި ދުވަހުއެވެ. ރައީސް ސިންގަޕޫރަށް ވަޑައިގެންނެވީ ބޭސްފަރުވާ އަށެވެ.