މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން، ރަހީނުކުރި، އާދަމް އަތުހަރު، (32އ) ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތްކޮށްފިއެވެ.
ފުލުހުން ވަނީ އެކަން މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.
"އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތްކުރުމާ ގުޅިގެން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި، އޭނާ މަރުނުވާ ކަމަށް ޑޮކްޓަރުން ވަނީ މައުލޫމާތު ދީފައި" ފުލުހުން ބުންޏެވެ.
ކަރުގައި ވަޅި ޖައްސައިގެން އަތުހަރު ރަހީނު ކުރީ އޭނާގެ ލޯބިވެރިޔާއެވެ. އަތުހަރު މަސައްކަތް ކުރީ އަންހެންމީހާގެ ކަރުގައި ވަޅި ޖައްސައިގެން އޭނާ މަގުމައްޗަށް ނެރެ ސައިކަލަށް އަރުވައިގެން ފިލުމަށެވެ. ރަހީނު ކުރުމުން، އަންހެން މީހާ ސަލާމަތް ކުރަން ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން އަންހެންމީހާ ދުއްވަން އިން ސައިކަލް މަޑުކޮށްލި ދަނޑިވަޅު ބަލައި ފުލުހަކު އޭނާއަށް މުގުރުން ހަމަލާ ދިނުމުން އަނިޔާވިއެވެ.
މުގުރުން އޭނާގެ ބޮލުގައި ޖެހުމުގެ ސަބަބުން ބޮލަށް ވަނީ އަނިޔާވެފަ އެވެ. އެހެންވެ އޭނާއަށް ފަރުވާ ދިނުމަށް އޭޑީކޭއަށް ގެންދިޔަ އެވެ. ފަރުވާއަށްފަހު ދޫކޮށްލުމުން ފުލުހުން ވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ފުލުހުންގެ ބެލުމުގައި ދަށުގައި ހުއްޓާ އޭނާގެ ހާލު ސީރިއަސްވެ ހޮޑުލާތީ ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފަ އެވެ. އައިޖީއެމްއެޗުން އޭނާ ދޫކޮށްލުމުން ފުލުހުން ވަނީ އަތުހަރު ހައްޔަރުކޮށްފަ އެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި، އަތުހަރާއި އޭނާގެ ލޯބިވެރިޔާއާ ދެމެދު ޖެހުނީ ފައިސާގެ މައްސަލަތަކެކެވެ. މައުލޫމާތު ލިބޭ ގޮތުގައި އަތުހަރަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެކެވެ. އަދި ބައެއް ކުށްތަކުގެ ރެކޯޑް އޭނާގެ އޮވެއެވެ.
އެ އަންހެން މީހާ ރަހީނު ކޮށްގެން ގެންގުޅޭ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯ އިން ފެންނަނި ފިރިހެނަކު އަންހެނެއްގެ މޫނު މަތީގައި އަތް އަޅައި، ހިފަހައްޓައިގެން ހުންނަ މަންޒަރެވެ. އެ ގޭގެ ދޮރު ކައިރީގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރުވެސް ފެނެއެވެ.
އެހެން ވީޑިއޯއެއްގައި ފެންނަނީ އެ ފިރިހެން މީހާ، އަންހެން މީހާ ސައިކަލެއްގެ ކުރިއަށް އަރުވައިގެން އެ ސަރަހައްދުން ދާ މަންޒަރެވެ. އޭރު އެތަނުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުން ދިޔައެވެ.
އިތުރު ވީޑިއޯއަކުން ފެންނަ ގޮތުގައި ފުލުހުން އަންހެން މީހާ ސަލާމަތްކުރީ ސައިކަލުގައި މަޑުކޮށްގެން އިންދާ ފިރިހެން މީހާގެ ބޮލުގައި މުގުރުން ޖެހުމަށްފަހުއެވެ. އެ ވަގުތު ދެ މީހުން ސައިކަލާއެކު ބިންމައްޗަށް ވެއްޓޭތަންވެސް ފެނެއެވެ.