ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ފުލެޓު ކައިރީގައި ޖުލައި މަހުގެ 31 ވަނަ ދުވަހު ހިނގި އެކްސިޑެންޓާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރިމިނަލް ކޯޓުން އަމުރުކުރި އިބްރާހީމް އިކްރާމް، ބަންދު ދޫކުރުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
އެ އެކްސިޑެންޓާ ގުޅިގެން ފުލުހުން ވަނީ، ތިން މީހަކު ހައްޔަރުކޮށްފައެވެ. އެ ތިން މީހުން ހައްޔަރުކުރީ ޖުލައި 31 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެއީ ކ. މާލެ، ހ. ނޫރަންމާގެއާގެ، އިކްރާމްރަހުމާން، ކ. މާލެ، މ. ލޭންޑްއޮފްގާޑެން، އިބްރާހިމް އިކްރާމް އަދި ގއ. ކަނޑުހުޅުދޫ، އާޒާދުގެ، ޖިނާހު އިސްމާއިލެވެ.
ފުލުހުން ވަނީ އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ އޮގަސްޓު މަހުގެ އެއްވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. ކޯޓުން ވަނީ ޖިނާހުގެ ބަންދަށް 15 ދުވަސް އަދި އިކްރާމްރަހުމާން އާއި އިބްރާހިމް އިކްރާމް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ކުރިމިނަލް ކޯޓުގެ އެ އަމުރު އިބްރާހިމް އިކްރާމްގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުފާނު ކޮށްފައެވެ. އެ އިސްތިއުނާފުގައި އިކްރާމްގެ ފަރާތުން ބުނެފައިވަނީ އޭނާ ވަކީލަކު އައްޔަންކޮށްފައި ވަނިކޮށް ފުލުހުން އޭނާ ކޯޓަށް ހާޒިރު ކުރީ ވަކީލަށް ކޯޓަށް ހާޒިރުވާނެ ފުރުސަތު ނުލިބޭ ގޮތަށް ކަމަށެވެ. އެއީ ގާނޫނު އަސާސީން ލިބިދީފައިވާ ވަކީލަކު އައްޔަން ކުރުމުގެ ހައްގަށް ހުރަސް އެޅުން ކަމަށް ބުނެ އިކްރާމް ފަރާތުން ވަނީ ކުރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށްދިނުމަށް އެދިފައެވެ.
ހައި ކޯޓުން މިއަދު ވަނީ އެ މައްސަލައިގައި ހުކުމްކޮށްފައެވެ. މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ފައިސަލް އެ މައްސަލައިގެ ރައުޔުގައި ވިދާޅުވީ ގާނޫނީ ވަކީލު ބޭނުންވެއްޖެ ހިނދެއްގައި ގާނޫނީ ވަކީލެއްގެ އެހީ ހޯދުމަކީ ކޮންމެ މީހަކަށް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގެއް ކަމަށެވެ. ހައްޔަރުކުރެވޭ މީހުންނަށާއި ބަންދު ކުރެވޭ މީހުންނަށް، އެ ހައްގު ލިބިގެންވާކަން އަންގަންވާނެ ކަމަށާއި އަދި މައްސަލަ ނިމެންދެން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު ލިބިގެންވާކަން އަންގަންވާނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
"ފުލުހުން އަމުރަށް އެދި ކުރިމިނަލް ކޯޓަށް ފޯމު ހުށަހެޅީ 6:44 ގައި. ވަކީލު އައްޔަންވުމަށް ފޯމު ހުށަހަޅާފައިވަނީ 7:23 ގައި. އިކްރާމްގެ ފަރާތުން ވަކީލަށް ރުހުން ދީފައިވަނީ 8:28 ގައި އަދި ފުލުހުންގެ ފަރާތުން ވަކީލު އައްޔަން ކޮށްފައިވަނީ 9:52 އަދި ވަކީލު އައްޔަންކުރެވިފައިވާކަން ވަކީލަށް އަންގާފައިވަނީ 10:06 ގައި. އިކްރާމް، ކޯޓަށް ހާޒިރުކުރީ 10:00 ޖެހިއިރު. އަދި ބަންދު މަޖިލިސް ފަށައިފައިވަނީ 10:04 ގައި." ފަނޑިޔާރު ވިދާޅުވިއެވެ.
އެ ގަނޑިތަކަށް ބެލުމުން ބަންދުގެ މަޖިލިސް ފެށުމުގެ ކުރިން ވަކީލު އައްޔަންކޮށްފައިވާ ކަމާއި އަދި ވަކީލަށް އެކަން އެނގިފައިވަނީ ބަންދުގެ މަޖިލިސް ފެށުނު ފަހުންކަން އެނގޭ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އަދި އެ ގަނޑިތަކަށް ބެލުމުން އިކްރާމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހާޒިރު ކުރަނީ ކޮން ކޯޓަކަށްކަން ބެލުމަށް އެކަށީގެންވާ ފުރުސަތު ވަކީލަށް ލިބިފައިނުވާކަން އެނގޭ ކަމަށެވެ. އިކްރާމްގެ ފަރާތުން ވަކީލަކު އައްޔަންކޮށްފައިވާކަން ފުލުހުންގެ ފަރާތުން ކޯޓުގެ ސަމާލު ކަމަށް ގެނެސްފައި ނުވަނީ އެކަން އެނގިފައިނުވާތީ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ފަނޑިޔާރު ވިދާޅުވީ، ދަށު ކޯޓުން، އިކްރާމް ޝަރީއަތް ނިމެންދެން ބަންދު ކުރީ އޭނާ ވަކީލަކު އައްޔަންކޮށްފައިވީ ނަމަވެސް ފުލުހުންގެ ފަރާތުން އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަނުކުރުމުގެ ސަބަބުން ދަށު ކޯޓަށް އެ މައުލޫމާތު ލިބިފައިނުވާތީ ކަމަށެވެ.
ނަމަވެސް ބަންދު މަޖިލިސްތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުން ވަކީލަކު އައްޔަންކޮށްފައިވޭތޯ ގާޒީ ސުވާލު ކުރަންވާނެ ކަމަށް ހައި ކޯޓުގެ ގަޒިއްޔާތަކުން ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުގެ މަތިން ގާޒީ ވަނީ ސުވާލުކޮށްފައި ކަމަށާއި އިކްރާމް ވަނީ ބަންދު މަޖިލިސްގައި ވަކީލެއްގެ ފުރުސަތު ހޯދަން އެދިފައިވާ ކަމަށް، ފުލުހުން ދަށު ކޯޓުގައި ބުނެފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އަދި އިކްރާމް ވަކީލަކު އައްޔަންކޮށްފައިވާކަން އެނގިފައިނުވާ ކަމަށް ވެސް ފުލުހުން ދަށު ކޯޓުގައި ބުނެފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ނަމަވެސް އިކްރާމް ވަނީ އެފަދަ އެއްވެސް ސުވާލުތަކެއް ދަށު ކޯޓުގެ ގާޒީ ނުކުރައްވާކަން ހައި ކޯޓުގައި ފާހަގަ ކޮށްފައި ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
މައްސަލައިގެ ދެ ފަރާތުން ދައްކާފައިވާ ވާހަކަތައް ދިމާނުވާތީ ހައި ކޯޓުން ވަނީ ދަށު ކޯޓުގެ އެ ޝަރީއަތުގެ ރިކޯޑިން އަޑު އަހައިފައެވެ. ރިކޯޑިން އަޑުއެހުމުން ވަކީލަކު އައްޔަން ކުރުމުގެ ހައްގާ ގުޅޭގޮތުން ގާޒީ ވެސް އަދި މައްސަލައިގައި ޝަމިލުވާ އެއްވެސް ފަރާތުން ވާހަކަ ދައްކާފައިނުވާކަން އެނގުނު ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
"ވީމ،ާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ދީފައިވާ މައުލޫމާތަކީ ހަގީގަތާ ހިލާފު މައުލޫމާތެއް ކަމުގައިވާތީ، މި ކަމަކީ ކަމާބެހޭ އިދާރާތަކުން ބަލައި، ތަހުގީގު ކުރަންޖެހޭ ކަމެއްކަމުގައި ދެކެމެވެ،" ފަނޑިޔާރު ފައިސަލް ވިދާޅުވިއެވެ.
ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ގާނޫނީ ވަކީލުން އައްޔަންވުމުގައި ކަންހިނގާ ގޮތަކީ، އެންމެ ފުރަތަމަ ވަކީލު އައްޔަންވާން ޖެހެނީ ފުލުހުންގެ ހިދުމަތަށް ކަމަށާއި ފުލުހުންގެ ފަރާތުން ވަކީލު ބަލައިގަނެ އެކަން ސީދާ ވަކީލަށް އަންގާނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ވަކީލު ބަލައިގެންކަން ފުލުހުންގެ އިދާރާގެ ފަރާތުން އެންގުމުގެ ކުރިޔަށް، ތުހުމަތުގައި ނުވަތަ ބަންދުގައި ހުރި މީހާގެ އެއްވެސް މައުލޫމާތެއް އައްޔަން ކުރެވޭ ވަކީލަކަށް ނުދޭނެ ކަމަށް ފުލުހުންގެ ފަރާތުން ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
"އެހެންކަމުން، ވަކީލުގެ ފަރުދީ ޒިންމާގެ ތެރެއިން މިމައްސަލައިގައި މުއްދަތު ޖަހާނެ ގަޑި އާއި މުއްދަތު ޖަހަން ގެންދާނެ ކޯޓެއް ވަކީލަށް ކަށަވަރު ކުރެވޭނެ ގޮތެއް އޮތް ކަމަކަށް އަހުރެންނަކަށް ގަބޫލެއް ނުކުރެވެއެވެ،" ފަނޑިޔާރު ވިދާޅުވިއެވެ.
"ވަކީލެއްގެ ފުރުސަތަށް އެދި ހެނދުނު 7:23 ގައި ފޯމު ހުށަހަޅާފައިވާ އިރު، ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލިސް އެ ދުވަހުގެ ހެނދުނު 10:00 ގައި ކޯޓަށް ހާޒިރުކޮށްގެން ބަންދުގެ މަޖިލިސް ކުރިޔަށް ގޮސް، އެ މަޖިލިސް ނިމުނުއިރު ވެސް، އިޝާރާތް ކުރެވުނު ބަންދުގެ މަޖިލިސް ބާއްވާނެ ތަނެއް އަދި ގަޑިއެއް ވަކީލަށް އަންގާފައި ނުވެއެވެ. އަދި ވަކީލަކު އައްޔަންވުމަށް އެދި ފޯމެއް ހުށަހަޅާފައިވާކަން ފަނޑިޔާރުގެ ސަމާލުކަމަށް ވެސް ގެނެސްފައި ނުވެއެވެ،"
މި މައްސަލައިގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތުގެ ނަތީޖާއަކީ ވަކީލަކާ އެކު ބަންދުގެ މަޖިލިސް ކުރިޔަށް ގެންދިޔުމުގެ ފުރުސަތު އިސްތިއުނާފު ކުރާ ފަރާތަށް ގެއްލިގެން ދިޔުމުގެ އިތުރުން ވަކީލަކާ އެކު ބަންދުގެ މަޖިލީހުގެ މުއްދަތު ކުރިއަށް ގެންދިޔުމަށް އެދިފައިވާކަން ދަށު ކޯޓުގެ ފަނޑިޔާރަށް ވަންހަނާވުން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
މި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތުގެ ސަބަބުން ގާނޫނު އަސާސީއިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށް އަސަރުކޮށްފައިވާތީ، އެބާވަތުގެ ކަންކަން ތަކުރާރު ނުވާނޭ ގޮތަކަށް އިންތިޒާމުތައް ރާވަންޖެހޭ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
އެކަންކަން ފާހަގަކުރައްވައި ފަނޑިޔާރު ފައިސަލް ރައުޔުގައި ވިދާޅުވީ އިސްތިއުނާފު ކުރާ ފަރާތަށް ލިބިފައިވާ ހައްގެއް ތަންފީޒުކުރުމަށް އެދިފައިވަނިކޮށް އެ ފުރުސަތު ލިބިދިނުމެއް ނެތި ދަށު ކޯޓުން ނެރެފައިވާ އަމަލު ބާތިލުކުރަން ފެންނަ ކަމަށެވެ. އެ ރައުޔަށް ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން ވަނީ ތާއީދުކުރައްވައިފައެވެ.
އެހެންވެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ފަނޑިޔާރު ފައިސަލް ވިދާޅުވީ ކުރިމިނަލް ކޯޓުގެ އެ އަމުރަކީ ބާތިލު އަމުރެއް ކަމަށް ކަނޑައަޅައި އެގޮތަށް ހުކުމްކުރާ ކަމަށެވެ.