ޚަބަރު

އެޗްޑީސީގެ ދަށަށް އެފްޑީސީ ގެނެސް، އެޗްޑީސީގެ ހިއްސާ ވިއްކަން ފަށަން ވިސްނަނީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެނެސް، އެޗްޑީސީގެ ހިއްސާ ވިއްކަން ފަށަން ވިސްނުމަށް ވަޒީރުން މަޖިލީހުން މިއަދު ނިންމައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެއް މަސައްކަތެއް ކުރާ ކުންފުނިތަކަށް ބަދަލުތަކެއް ގެނައުމަށް ނިންމުމާއެކު ވަރަށް ބޮޑުތަނުން ހަރަދުތައް ކުޑަކުރެވިގެންދާނެ ކަމަށެވެ.

އެޗްޑީސީ އާއި އެފްޑީސީ އެއްކޮށްލުމާ ގުޅޭ ތަފްސީލުދެއްވަމުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވީ އެފްޑީސީއަކީ މިހާރު އަސާސީ ބޯހިޔާވަހިކަމުގެ ވަރަށް ބޮޑު މަޝްްރޫއެއް ކުރިއަށްގެންދާ ކުންފުންޏެއް ކަމަށާއި ސަރުކާރުން މިހާރު ނިންމާފައި އޮތީ އެފްޑީސީން އަސާސީ ބޯހިޔާވަހިކަމުގެ މަސައްކަތުގައި މުޅި ރާއްޖޭގައި ވެސް އެކި މަޝްރޫއުތައް ހިންގަން ކަމަށެވެ.

"އެކަމަކު އެކަން ކުރާނީ އެޗްޑީސީގެ ސަބްސިޑިއަރީއެއް ގޮތަށް. އެޗްޑީސީއަކީ މާސްޓާ ޑިވަލޮޕާއެއް ގޮތަށް މިވަގުތު މި މަސައްކަތްކުރަނީ ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރުފަޅުގެ މަސައްކަތް އަދި ފުށިދިއްގަރުގެ ވެސް މާސްޓާ ޑިވަލޮޕާއެއް ގޮތަށް މިވަގުތު އެސައިން ކޮށްފައި މިއޮތީ އެޗްޑީސީ. އެޗްޑީސީން މީގެ ފަހަކުން އެފްޑީސީ ސަބްސިޑިއަރީއަކަށް ވުމަށްފަހު ސޯޝަލް ހައުސިންގެ މަސައްކަތުގައި މަސައްކަތްކުރާނީ އެފްޑީސީ. އެހެންނަމަވެސް އެޗްޑީސީގެ ސަބްސިޑިއަރީއެއް ގޮތަށް އޮވެގެން،" މިނިސްޓަރު ވިދާޅުވިއެވެ.

ހައިދަރު ވިދާޅުވީ އެޗްޑީސީ ވެގެންދާނީ ސަރުކާރުން ކުރިއަށްގެންދާ އާބަން ސެންޓަރުތަކުގެ ވެސް މާސްޓާ ޑިވަޕޮލާއަކަށް ކަމަށާއި މުޅި ރާއްޖޭގައި އަސާސީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މަޝްރޫއުތައް ހިންގަމުންދާނެ އެންމެ އިސް ކުންފުންޏަކަށް ވާނީ އެފްޑީސީ ކަމަށެވެ. އަދި އެޗްޑީސީގެ ހިއްސާ ވިއްކުމާ ގުޅޭގޮތުން ވަރަށް އަވަހަށް ދިރާސާތަކެއް ހަދައި އިއުލާންކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަޒީރުންގެ މަޖިލީހުން މިއަދު ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުސީއެލް) އެއްކޮށްލުމަށް ނިންމައިފައެވެ. އެ މަސައްކަތް އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.