ޚަބަރު

އެމްއޭސީއެލް އާއި އާރުއޭސީއެލް އެއްކޮށްލުމުގެ މަސައްކަތް އަންނަ ޖެނުއަރީގެ ނިޔަލަށް ނިންމާލެވޭނެ: ސަރުކާރު

މުހައްމަދު ސިމާއު

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އެއްކޮށްލަން ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެއް މަސައްކަތެއް ކުރާ ކުންފުނިތަކަށް ބަދަލުތަކެއް ގެނައުމަށް ނިންމުމާއެކު ވަރަށް ބޮޑުތަނުން ހަރަދުތައް ކުޑަކުރެވިގެންދާނެ ކަމަށެވެ.

"މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާ މާޖްކުރުމަށް މިވަނީ ނިންމިފައި. މި އަމާޒަށް ވާސިލުވެވޭނީ، އިރާދަކުރެއްވިއްޔާ އެއްކޮށް މަސައްކަތް ނިންމައިލެވޭނެ ކަމަށް އަޅުގަނޑުމެން މި ޓާގެޓްކުރީ 31 ޖެނުއަރީ 2025 އަށް. އެހެންވީމާ 31 ޖެނުއަރީ 2025 އަށް ދާއިރުގައި މި މަސައްކަތް އިރާދަކުރެއްވިއްޔާ ނިމިފައި އޮންނާނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ކޯޕަރޭޓް ގަވަނަންސްގެ އުސޫލުން ދެ ކުންފުނިން ނިންމަންޖެހޭ ނިންމުންތަކާއި އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ނިމުމުން އެކަމުގެ ސަބަބުން ވަރަށް ބޮޑު ސޭވިންއެއް ހަގީގަތުގައި އަންނާނެ ކަމަށާއި ދެ ކުންފުނި އެއްކޮށްލުމުން ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ. އަދި އެ ބަދަލާއެކު ހަނިމާދޫ ވެސް ހިމެނޭގޮތަށް އަށް އެއާޕޯޓެއް އެ މަސައްކަތުގެ ތެރޭގައި މާޖް ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ވަޒީރުންގެ މަޖިލީހުން މިއަދު ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ބަދަލުކޮށް، އެޗްޑީސީން ހިއްސާ ވިއްކަން ފަށަން ވިސްނުމަށް ވެސް ނިންމައިފައެވެ.