މި އަހަރުގެ ފަތުރުވެރިކަމުގެ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ފެސިލިޓީސް މެނޭޖްމަންޓް އެންޑް ޔުޓިލިޓީސް ޑިވިޝަން (އެފްއެމްޔޫޑީ) އިން ހާއްސަ ހަރަކާތެއް ބާއްވައިފިއެެވެ.
އެމްއޭސީއެލް އިން ބުނިގޮތުގައި، 'ވިންޓާ ޕްރެޕް ކިކްއޮފް 2024'ގެ ނަމުގައި އިއްޔެ ބޭއްވި އެ ހަރަކާތުގެ މަގުސަދަކީ، ކުރިއަށް އޮތް ފަތުރުވެރިކަމުގެ މޫސުމަށް ތައްޔާރުވުމުގެ ގޮތުން ކުރަން ރާވާފައިވާ ކަންކަން މެނޭޖުމެންޓާ ހިއްސާކޮށް ކުންފުނީގެ ލަނޑުދަނޑިތަކާއި އެއްގޮތްވާގޮތުގެ މަތިން މަސައްކަތްތައް ރާވައި އިންތިޒާމުކުރުމެވެ.
އެގޮތުން އެ ހަރަކާތުގައި އެފްއެމްޔޫޑީގެ ޑިޕާޓްމަންޓްތަކުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ޕްރެޒެންޓޭޝަންތަކެއް ހުށަހަޅައި، ޑިޕާޓްމަންޓްތައް ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
އެ ހަރަކާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފުގެ އިތުރުން ކުންފުނީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްއޭސީއެލް އިން ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ތައްޔާރުވަމުންދާއިރު، އެންމެ ބޮޑު ސަމާލުކަމެއް ދެނީ، ފުރާ ފަސިންޖަރުންނާއި އެއާލައިންތަކަށް ފަސޭހަ އަދި ރަނގަޅު ހިދުމަތްތަކެއް ދެވޭނެ ފަދަ މާހައުލެއް ގާއިމުކުރުން ކަމަށެވެ. އެގޮތުން މިހާރު ބޭނުންކުރާ ޓާމިނަލް ސަރަހައްދު ތަނަވަސްކޮށް، ކާރުބާރޫބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ އިތުރުން މުޅި ފެސިލިޓީގައި ފިނިހޫނުމިން އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުމާއެކު ޓާމިނަލް ރީތިކުރުމަށް ފެސިލިޓީސް މެނޭޖުމެންޓުން މަސައްކަތް ފަށާފައިވާ ކަމަށް ބުންޏެވެ.
ހަރަކާތުގައި ވާހަކަ ދައްކަވަމުން ސީއީއޯ ޝަރީފް ވިދާޅުވީ އެފްއެމްޔޫޑީގެ ހަރަކާތަކީ ރޭވިފައިވާ މަސައްކަތުގެ ފެށުމެއް ކަމަށާއި ކުންފުނީގެ އެތެރޭގައި ކުރެވޭ މަސައްކަތްތައް މުވައްޒަފުންގެ މެދުގައި މަޝްވަރާކުރެވިގެން ކުރިއަށް ގެންދިއުމަކީ ކުރިއެރުމެއް ކަމަށެވެ. އަދި އަންނަ އަހަރުގެ ސީޒަނަށް ލަނޑުދަނޑިތަކެއް ކަނޑައަޅައި، އަމާޒުތަކަށް ވާސިލުވުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައި، އެއާޕޯޓުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ރަނގަޅު ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދާނެކަމުގެ ޔަގީންކަން ދެއްވިއެވެ.